ފަސް ރަށެއްގެ ފެނާއި، ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބިލްޑް އެންޑް ޑިޒައިން އުސޫލުން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، ފަސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ބުރާސްފަތި ދުވަހު މެންދުރު ފަހުގައި ޕްލޭނިންގ މިނިސްޓްްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ފަސް ރަށަކީ، ހދ. ނޮޅިވަރަމް، ހއ. އުލގަމު، ގއ. ކަނޑުހުޅުދޫ، ތ. ކިނބިދޫ، ނ. ކެނދިކުޅުދޫ އެވެ.
އޭގެ ތެރެއިން ހަތަރު ރަށެއްގެ މަސައްކަތް ހަވާލުކުރީ ސްޓޭޓިކް ކޮމްޕެނީ އާއި، އަދި އެއް ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިިނިއަރިން ސާރވިސް އާއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލެނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. ސްޓޭޓިކް ކޮމްޕެނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނާޖަރ އިބްރާހިމް ޝަހުދު އެވެ. އަދި އަޒްރޯވާ މޯލްޑިވްސް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިިނިއަރިން ސާރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ ހިވާޖް މަހިންދްރަ މަދޫސަންކާއެވެ.
މި މަޝްއޫރުތަކުގެ ތެރެއިން ހދ. ނޮޅިވަރަމްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަރަދުކުރާއިރު، އުލިގަމު ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 36 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އަދި ކަނޑުހުޅުދޫ އާއި، ތ. ކިނބިދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 38 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ނ. ކެނދިކުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 59 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ދަށުން 17 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ބިލްޑް އެންޑް ޑިޒައިން އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަންނަ ހަފްތާގައި ވެސް އިތުރު އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.