Advertisement
ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 12:43
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ހައިކޯޓު
ރައީސް ޔާމީން ބަންދުގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމް މިއަދު!
ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު

ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމް ކުރުން މިއަދަށް ތާވަލް ކޮށްފިއެވެ. 

ހައިކޯޓުން  ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގައި އެމައްސަލަ ތާވަލް ކޮށްފައިވާއިރު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. 

އިސްތިއުނާފުގެ މައްސަލަތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ. އެމަނިކުފާނުގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެފައިވަނީ ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. 

މަނީލޯންޑަރިންގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ޝަރީއަތަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލާފައި ވަނީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ބަލިހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ވަކި ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފައެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. 

ކަރެކްޝަނުން ބުނީ ރައީސް ޔާމީން ގޭބަންދުގައި ހުންނައިރު އަމަލުކުރަންޖެހޭ ޝަރުތުތަކެއް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް އަމަލުކުރައްވާނެ ކަމަށް އަމަލުކުރައްވަން ޖެހޭނެކަމަށެވެ. އަދި އެކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. 

ޔާމީންގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑަކުރި މައްސަލައިގައެވެ. އެ މަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް ޚުދު އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް