ކައުންސިލްތަކަށް ބަޖެޓްގެ ފަސް އިންސައްތަ ކަނޑައަޅައި، ކައުންސިލްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން 33 އިންސައްތަ އަންހެނުން ކަމަށް ކަނޑައަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަކީ މި ސަރުކާރު އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އަދި އެ ވައުދު ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނަންޖެހޭ އިސްލާހްތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ އިސްލާހްތަކުގައިވާ ކަންކަމުގެ ތަފްސީލަށް ވަޑައިގެން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހްތަކާ އެކުގައި ކައުންސިލްތަކަށް މާލީ ތަނަވަސްކަން ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ އަހަރެއްގެ ބަޖެޓްގެ ފަސް އިންސައްތަ ކައުންސިލްތަކަށް ހާއްސަކުރުމަށް ހުށަހަޅުއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަދި ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ރަށްރަށާއި، ފަޅާއި، ފަރުތަކުން ނެގޭ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ސީދާ އެ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަމަޖެހިގެންދާނެ" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކައުންސިލްތަކަށް އިންތިހާބުކުރާ މެމްބަރުންގެ ތެރެއިން 33 އިންސައްތައަކީ އަންހެނުން ކަމަށް ކަނޑައެޅިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ވެސް މުހިންމު އިސްލާހްތަކެއް ބިލްގައި ހިމެނޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެ ބަދަލާއެކު ތިން ކައުންސިލް މެމްބަރުން ތިބޭ ކައުންސިލްގެ އެއް ގޮނޑި ހާއްސަ ވެގެންދާނީ އަންހެންް މެމްބަރަކަށެވެ. އާބާދީ 5000 އަށް ވުރެ ދަށްވާ ނަމަ ރަށެއްގައި ތިބެނީ ތިން ކައުންސިލަރުންނެވެ. އަދި 5000 އަށް ވުރެ އިތުރު ނަމަ ކައުންސިލްގަައި ފަސް މެމްބަރުން ތިއްބަވާނެއެވެ.
ސިޓީ ކައުންސިލްތަކުން އިންތިހާބުކުރަނީ ކޮންމެ އިދާރީ ދާއިރާއަކަށް އެއް މެމްބަރެކެވެ. މާލެ ސިޓީ ކައުންސިލަށް އަންނަ އިންތިހާބުގައި 15 މެމްބަރުން އިންތިހާބުކުރަންޖެހޭއިރު، 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރާ ނަމަ 5 ދާއިރާއަކަށް އަންހެން މެމްބަރުން އިންތިހާބުކުރަންޖެހޭނެއެވެ.