Advertisement
ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 12:08
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
އެޖެންޑާ19
މަޖިލީހުން ފެނިގެންދަނީ އަމިއްލަ އެދުމާއިި ވިޔަފާރިވެރިންގެ މަސްލަހަތު ސަލާމަތްކުރާތަން: ރައީސް ނަޝީދު
މަޑަވެލި ދާއިރާއަށް 6 ކެންޑިޑޭޓުން ވާދަކުރައްވާ

މަޖިލީހަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލާނުލައި އަމިއްލަ އެދުމަށް ކަންތައްތައް ކުރުން ކަމަށާއި ވިޔަފާރިވެރިންގެ މަސްލަހަތު ސަލާމަތްކުރާތަން ފެނިގެންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޑަވެލި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓް ހުސައިން ފިރުޝާންގެ ކެންޕެއިނަށް ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ފެނިގެންދަނީ ވިޔަފާރިވެރިންގެ މަސްލަހަތު ސަލާމަތްކުރާތަން ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކައި ކަމަށެވެ. 

"ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ގާތު އައްސަވާ. ކޮބާތޯ މަޖިލީހަށް ކުރިމަތިލައްވަންޖެހޭ ސަބަބު. ކުރިމަތިލާ އެތިބީ ފައިސާ ބޭނުންވެގެންކަމަށްވެދާނެ. ތަނަވަސްކަން އަމިއްލައަށް ބޭނުންވެގެން ކަމަށް ވެދާނެ. ނުވަތަ ކޮންމެވެސް އެހެން މީހެއްގެ ފައިސާ ބޭނުންވެގެން ކަމަށް ވެދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޑަވެލި ދާއިރާއަށް ކުރިމަތިލައްވާފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓަކީ ވައްކަން ނުކުރާނެ ކެންޑިޑޭޓެއް ކަމަށާއި ވޯޓު ވިއްކާނެ ވެސް މީހެއް ނޫން ކަމަށެވެ. 

"އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުސައިން ފިރުޝާނަކީ ނަޒާހަތްތެރިއެއް. އޭނާއަކީ ޕާޓީ ބަދަލުކުރާނެ މީހެއް ނޫން އަދި ވައްކަން ކުރާނެ މީހެއްވެސް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޑަވެއްޔަކީ މަސްވެރި ރަށަކަށްވުމާ އެކު އެ ރަށުގެ މީހުންނަށް ބޭނުންވާ އުމްރާނީ ކަންތައްތައް އެޖެންޑާ19 ގައި ހިމެނިފައިވާ ކަމަށެވެ. އެގޮތުން މަސް ފިނިކުރުމަށް އައިސް ލިބޭނޭ ގޮތް ހެދުމާއި ތެޔޮ ލިބޭނޭ ގޮތް އަދި މަސް ކިރޭނޭ ގޮތް ހެދުމާއި މަހުން ބޮޑު އާމްދަނީއެއް ލިބޭނޭ ގޮތް އެޖެންޑާ19 ގައި ހިމަނާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ދޮށީއުމުރުގެ މީހުންނަށް ޚާއްސަ އިނާޔަތްދޭ ވާހަކަ 2008 ވަނަ އަހަރުގެ ތެރޭގައި އެރަށުގައި ހުރެ ދެއްކެވި ކަމަށާއި އޭރު އެކަން ގަބޫލުކުރަން ދަތިވި ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައްޔިތުންނަށް އިނާޔަތްތަކާއި ސިއްހީ ފަރުވާ ހިލޭ ލިބޭގޮތް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަނެއްކާވެސް އަޅުގަނޑު އައިސް، އަޅުގަނޑު ތިބޭފުޅުން އަރިހުގައި މިދަންނަވަނީ އެ އަށް ވުރެ މާރަނގަޅު ގޮތެއް އެބައޮތޭ. އެންމެނަށް ވަޒީފާ ވެސް އެބައޮތޭ. އެންމެނަށް ގޯއްޗެއް ވެސް ލިބިދާނޭ. އެންމެނަށް ގެ ވެސް އެޅިދާނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.  

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޑަވެލި ދާއިރާއަށް ހަ ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕްރޮގްރެސިވްޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް