ރަޝިއާގެ ސިފައިން ވެނެޒުއޭލާ އިން ބޭލުމަށް ގޮވާލައްވައި އަދި ބޭލުއްވުމަށް ހުރިހާ އިޚްތިޔާރުތަކެއް ވެސް އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވައިފިއެވެ.
ރަޝިއާގެ އެއަރފޯސްގެ ދެ މަތިންދާ ބޯޓެއް 100 ސިފައިންނާ އެކު ކަރާކަސްގެ ރަށް ބޭރަށް ހޮނިހިރުދުވަހު ޖެއްސުމާ އެކު ވެނެޒުއޭލާގެ ސިޔާސީ މަސްރަހު އަނެއްކާ ވެސް ވަނީ އިތުރަށް ހޫނުވެފައެވެ.
އެމެރިކާ އާއި ހުޅަނގުގެ ގިނަ ގަައުމުތަކުން ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ވަން ވައިދޯއަށް ތާއީދުކުރާ އިރު ރަޝިއާ އާއި ޗައިނާ އިން ތާއީދުކުރަނީ ނިކޮލަސް މަޑޫރޯއަށެވެ.
ނިމިގެންދިޔަ 2018 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި މަޑޫރޯ ދެވަނަ ދައުރަކަށް ހުވާކުރެއްވުން ބަލައި ނުގަންނަ ކަމަށް ނިންމަވައި ޖެނުއަރީ މަހު މަޑޫރޯ ވަނީ އެގައުމުގެ އިންތިގާލީ ލީޑަރަކީ އޭނާ ކަމަށް އިއުލާނުކުރައްވާފައެވެ.
އެ އިންތިޚާބަކީ ބޮޑު އޮޅުވާލުމެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަނީ ނިންމާފައެވެ.
އެމެރިކާ އިން ބުނެފައި ވަނީ ރަޝިއާ އިން ވެނެޒުއޭލާއަށް ދިޔަ ސިފައިންގެ ތެރޭގައި ސްޕެޝަލް ފޯސަސްގެ ސިފައިންނާއި ސައިބަރ ސެކިއުރިޓީ އޮފިޝަލުން ހިމެނޭ ކަމަށެވެ.
"އެމީހުންނަށް މިހާރު ވަރަށްބޮޑު ޕްރެޝަރެއް އެބައޮތް.އެމީހުން އަތަކު ފައިސާއެއް ނެތް.އެމީހުން އަތަކު ތެލެއް ނެތް އެމީހުން އަތަކު އެކައްޗެއް ވެސް ނެތް. އެ މީހުންނަށް އޮތީ ޕްރެޝަރ. އެ މީހުންގެ ނެތް ކަރަންޓެއް،" ޓްރަމްޕް ވިދާޅުވިއެވެ.
ރަޝިއާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބުގެ ނައިބު ޑިމިޓްރީ ޕޮލްޔަންސްކީ އެމެރިކާއަށް ރައްދުދެއްވައި ވިދާޅުވީ ރަޝިއާއާ ވެނެޒުއޭލާއާ ދެމެދު އެއްބަސްވުންތަކެއް ގާއިމްކުރެވި އެއާ އެއްގޮތަށް ކުރިޔަށް ދިއުމަށް ރޭވިފައިވާ ކަމަށެވެ.
ވެނެޒުއޭލާގެ ރައީސް މަޑޫރޯ ވިދާޅުވެފައި ވަނީ ވެނެޒުއޭލާ އާއި ރަޝިއާގެ މަތީ ފަންތީގެ ބައްދަލުވުމެއް އޭޕްރީލް މަހަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި އިގްތިސާދާއި، ހަކަތައާއި ވިޔަފާރިއާ ތައުލީމީ ދާއިރާ ހިމެނޭ ގޮތުން ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މަޑޫރޯވަނީ މޮސްކޯއިން އަނެއްްކާވެސް އިންސާނީ އެހީ ލިބެން އުޅޭ ކަމަށް ވިދާޅުވެފައެވެ.
ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލެޓިން އެމެރިކާގެ ގައުމުތަކަށް ރަޝިއާގެ ފަރާތުން ވަނީ 7.5 ޓަނުގެ އިންސާނީ އެހީ ލިބިފައެވެ. އޭގެ ތެރޭގައި ބޭހާއި ސިއްހީ ޚިދުމަތަށް ބޭނުންކުރާ އާލާތް ހިމެނެއެވެ.