ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެޓާރނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް) އަށް ކަނޑައަޅާފައިވާ 11 ވައުދެއް ފުރިހަމަކުރެވިިއްޖެ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ބުދަ ދުވަހު އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުރިހަމަ ކުރުމަށް އޭޖީ އޮފީހަށް ކަނޑައަޅާފައިވާ 12 ވައުދެއްގެ ތެރެއިން 11 ވައުދު ފުރިހަމަކޮށް، ޖުމުލަ 21 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ފޮނުވާފައިވާ ކަމަށެވެ.
ނޫސް ބަޔާން: ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ 12 ވަޢުދުގެ ތެރެއިން 11 ވަޢުދެއް ފުރިހަމަކޮށް، ޖުމްލަ 21 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފޮނުވައިފިންhttps://t.co/beCvqF772f pic.twitter.com/EqUzs3FGvS
— AG Office Maldives (@agofficemv) March 27, 2019
ރައީސް ސޯލިހުގެ ސަރުކާރަށް ބުރާސްފަތި ދުވަހު 90 ދުވަސް ފުރޭއިރު، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ޤާނޫނުތަކާއި، ދިވެހި ދައުލަތް ދަރަނިވެރިވެ، ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުމާ ގުޅޭ ވައުދުތައް ސަރުކާރުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ފުރިހަމަކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އެގޮތުން އެފަދަ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖަޢާކުރުމުގެ މަސައްކަތްތައް ކުރަން އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެކުލަވާލި ކޮމިޓީން، މިހާތަނަށް 11 އެއްބަސްވުމެއް މުރާޖަޢާކޮށް ނިންމައި އިތުރު 20 އެއްބަސްވުމުގެ އިނީޝަލް ރިވިއު ހަދާ ނިންމާފައިވާއިރު، ކަމާބެހޭ މިނިސްޓްރީތަކުގެ އެދުމުގެ މަތިން މިހާތަނަށް ހަ އެއްބަސްވުމެއް މުރާޖަޢާކޮށް ނިންމައި، ކަމާބެހޭ ވުޒާރާތަކަށް ލަފާ އަރުވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
އޭގެ އިތުރުން އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި، ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާ ވެސް ކުށްވެރިވާ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ބަދަލު ގެނައުމާއި، ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލުތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދިނުމާއި، ޢަދުލުއިންސާފުގެ ނިޒާމު އިޞްލާޙުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުމުގެ ވައުދު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން މުޅި ޝަރުޢީ ދާއިރާގެ އޮޑިޓް ހަދައި ޢަދުލުއިންސާފުގެ ނިޒާމުގައި ހިމެނޭ ކޯޓުތަކާއި އެހެނިހެން އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތައް ބައިނަލްއަޤްވާމީ ފަންނީ މާހިރެއްގެ އެހީތެރިކަމާއެކު ނިންމާއިރު، އޭގެ ސަބަބުން ޝަރުޢީ ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ޙައްލުތައް ފާހަގަވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ސަރުކާރުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި 5 ވައުދެއް ފުއްދާފައިވާއިރު، އެންމެ ފަހުން ފުއްދާފައިވަނީ މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ޤާނޫނުތައް އިޞްލާޙުކުރަން މަޖިލީހަށް ހުށަހެޅުއުމުގެ ވައުދު ވެސް ފުއްދާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.