ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް އާ އިމާރާތް އެޅުމަށް ބީއޯކިޔު ހެދުމާއި، އިމާރާތް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައިވާ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ އާ އިމާރާތެއް ބޭނުންވަނީ އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ގޮތަށް ޓާޝަރީ ފެންވަރަށް މިހާރު ހުރި އިމާރާތް ބަދަލު ނުކުރެވޭނެތީ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ހުރި ހޮސްޕިޓަލް ބޮޑު ކުރުމަށް ޖާގަނެތް ކަމަށާއި، 100 އެނދުގެ ހޮސްޕިޓަލް އަޅާނީ އެހެން ބިމެއްގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލް އަޅާނީ މުސްތަގުބަލުގައި ބޮޑު ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރެވޭނެ ގޮތަކަށް ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކަމަށް ތަސްލީމާ ވިދާޅުވިއެވެ.
ތަސްލީމާ ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލް އެޅުމުން މިހާރު ލިބޭ ހިދުމަތްތަކަށްވުރެ ރަނގަޅު އެތައް ޚިދުމަތެއް ލިބޭނެ ކަމަށާއި، މިއީ ސިއްހީ ދާއިރާއަށް ލިބޭ ބަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ބޮޑު ހޮސްޕިޓަލެއް އެޅުމުން ވަޒީފާގެ ފުރުސަތުތައް ގިނަވާނެކަން ފާހަގަ ކުރައްވައި ތަސްލީމާ ވިދާޅުވީ ހޮސްޕިޓަލަށް މުވައްޒަފުން ނެގުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ ތިނަދޫގައި އެޅޭ މި ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރާއިރު ރާއްޖޭގައި އެކުލަވާލާފައިވާ ހެލްތު ކެއާ ސްޓޭންޑާޑާއި، އިންޓަނޭޝަނަލް ސްޓޭންޑާޑު ތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.