Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 21:38
މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް
މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިބްރާހިމް
މަޖިލިސް
ރައްޔިތުންގެ މަޖިލ؛ިސް
މަޖިލީހުގައި އެމްޑީޕީ މެމްބަރުންގެ ބަހުގެ ހޫނު ހަމަލާ ގާސިމަށް
ދައުލަތަށް ގާސިމް ހަރާންކޯރު ވެވަޑައިގަންނަވާ: އީވާ
އިސްތިޝާރީ ލަފައަކަށް އެދުމުން މަޖިލީހުގެ ހައިބަތު ގެއްލޭ: ނާޝިދު

ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެން، ދައުލަތުގެ ތިން ބާރުގެ މަސައްކަތަށް ބުރޫއެރުވުމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަމަލު ކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ބަހުގެ ހޫނު ހަލަމާތަކެއް ރައްދު ކުރައްވައިފިއެވެ.

ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ގާސިމް ބަހުގެ ހޫނު ހަމަލާތަކެއް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ރައްދު ކުރެއްވީ އެޖެންޑާއަށް ކުއްލި ބަދަލެއް ގެންނެވުމުންނެވެ. އެގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުން އަމަލު ކުރާނެ ގޮތާ ގުޅޭ ގޮތުން އިސްތިޝާރީ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ބަހުސް ފެއްޓެވުމުންނެވެ.

ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ އެޖެންޑާ ކުރީ ގާނޫނުއަސސީއާ ހިލާފަށް ކަމަށެވެ.

"އިއްޔެއާ ހަމައަށް މިއަދުގެ އެޖެންޑާ ނެރެފައި އޮތްއިރު މި މައްސަލައެއް ނެތް. ސުޕްރީމް ކޯޓަށް ލަފައަށް ފޮނުވާ ވާހަކައިގައި މައްސަލައެއް ނެތް. ސުޕްރީމް ކޯޓުގެ ސިޓީއެއްގެ ވާހަކައެއް ނެތް. އެކަމަކު ރޭގައި ފޮނުއްވި އެޖެންޑާގައި ކުއްލިއަކަށް އެބައޮތް މި އައިޓަމް ވެސް އެޖެންޑާކޮށްފަ. އެއް ކަމަކަށް އިއްޒަތްތެރި ރައީސް، އެހެނެއް އެޖެންޑާއެއް ވެސް ބަދަލެއް ނުކުރެވޭނެ. ދެވަނަ ކަމަކަށް، މި ކަންތައް އެޖެންޑާކޮށްފައި މި އޮތީ، ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް،"

ބަހުސް ހޫނުވެ، އީވާ ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިއްބެވީ ގާސިމްގެ "ރަހުމަތްތެރިން"ތެރިންތަކެއް ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ގާސިމް އަމަލު ކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އީވާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ގާސިމް "އޮޅާލައި" ދައުލަތަށް އެމަނިކުފާނު "ހަރާންކޯރު" ވެވަޑައިގަންނަވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ، ފަސް ފަނޑިޔާރުންގެ ލަފަޔަކަށް ޤައުމު އެއްކޮށް ހިންގަން ނިންމަންވީ ނޫންތޯ... މަނިކުފާނު، މަނިކުފާނު މިހާރު ތިޔަ އޮޅާލަނީކީއެއް ރައްޔިތުންގެ މަޖިލީހުގެ 15 ގަވާއިދު އެކަންޏެއް ނޫން. ތި ޚިލާފުވެވަޑައިގަންނަވަނީކީ ހަމައެކަނި ޤާނޫނުއަސާސީއަކާ ނޫން. ދިވެހިރާއްޖޭގެ މުޅި ދައުލަތުގެ މުޅި 3 ބާރު ވަކިވެފައިވާ ނިޒާމަށް މަނިކުފާނު، މަނިކުފާނު މިހާރު ތިޔަ ހަރާންކޯރުވެވަޑައިގަންނަވަނީ އިއްޒަތްތެރި ރައީސް،" އީވާ ވިދާޅުވިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ ސުޕްރީމް ކޯޓުގައި އެ މައްސަލައާ ގުޅޭގޮތުން އިސްތިޝާރީ ލަފައެއް އަހަން ނުޖެހޭނެ ކަމަށާއި އެފަދަ މައްސަލައެއްގައި އިސްތިޝާރީ ލަފައަކަށް އެހުމަކީ "މަޖިލީހުގެ ހައިބަތާއި އިއްޒަތާއި ޤަދަރު ގެއްލޭ ކަމެއް" ކަމަށެވެ.

"ަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މެންޑޭޓު އެނގެންޖެހޭނެ. އެހެންވީމާ، މިއީ ވަރަށް ދެރަ ކަމެއް. މިއީ މިގޮތަށް ކޮށްގެންވާނެ ކަމެއް ކަމުގައި އަޅުގަނޑު ނުދެކޭ ވާހަކަ ދަންނަވަން. އަދި ގަ ރާރު ހުށަހެޅުމަށް ވެސް އޮންނަނީ ބިލު ހުށަހެޅުމުގެ އުސޫލުގެ ތެރެއިން،" ނާޝިދު ވިދާޅުވިއެވެ.

މަޖިލީހުގެ ބާރުވެރިކަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަތްމައްޗަކަށް ދުލެއް ނުކޮށްލެވޭނެ ކަމަށް ވިދާޅުވެ، ކުޅުފުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުޣަފޫރު މޫސާ ވިދާޅުވީ ތިން ބާރު ވަކިކުރެވިފައި އޮތް ނިޒާމެއްގައި މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރަން ސުޕްރީމް ކޯޓަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"މި ޤަ އުމު ޖެހޭނީ ރައްޔިތުން ޤައުމެއްގެ ގޮތުގައި އޮންނަން. މި ދިވެހި ރައްޔިތުންގެ ރައްޔިތުންގެ މަޖިލިސް، އިއްޒަތްތެރި ރައީސް. މި މަޖިލީހުގެ ބާރުވެރިކަން ސުޕްރީމް ކޯޓުގެ މި 5 ފަނޑިޔާރުންގެ އަތްމައްޗަކަށް ދުލެއް ނުކޮށްލެވޭނެ، އިއްޒަތްތެރި ރައީސް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން، އިއްޒަތްތެރި ރައީސް. އެ ވާހަކަ އަޅުގަނޑުމެން ދެއްކީ. 3 ބާރު ވަކިކުރެވިފައި އޮތް ނިޒާމެއްގައި އެކަންކަން ކުރާކަށް އަޅުގަނޑުމެންނަކަށް ފުރުޞަތެއް ނުދެކޭނެ،" ޣަފޫރު ވިދާޅުވިއެވެ.

ވަޒީރުންނާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އަމަލު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކޮށްފައިވާ ހުކުމެއް މުރާޖާކޮށް ދިނުމަށް މަޖިލީހުން ހުށަހެޅުމުން، ސުޕްރީމް ކޯޓުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އިސްތިޝާރީ ލަފައަކަށް އެދެވޭނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އެ މައްސަލާގައި އެ ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް މަޖިލީހަށް ބުދަ ދުވަހު ގަރާރު ހުށަހެޅުމުން އެ ގަރާރު ފާސްކުރަން މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުނެވެ. އެ ގަރާރު ފާސްކުރަން އެންމެ ތިން މެމްބަރުން ވޯޓު ދެއްވިއިރު، ގަރާރާ ދެކޮޅަށް 30 މެމްބަރުން ވޯޓު ދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
27 މާރޗް 2019 | ބުދަ 16:32
Beybe
QIBULA ah kurimathinulaa mehunnaai bikinee gai moodhah dhaameehunnaai QA binmachchah again waraafathibi meehun naai aura nivaanukoh maguhingaa meehun nai majulihugai majulihugaa thibihaa hindhaku thithan rangalheh nuvaane