ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އެކްސްޕާރޓް މިޝަން، މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސައިންސަސް ޝިދާތާ ޝަރީފާ ބައްދަލު ކުރައްވައިފިއެވެ.
ޖެންޑަރ މިނިސްޓްރީގައި ބުދަ ދުވަހު އޮތް މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޝިދާތާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރާއި، ޖެންޑަރ އީކުއަލިޓީ ގާނޫނު ތަންފީޒް ކުރުމުގައި ހުރި ގޮންޖެހުންތަށް އީޔޫގެ ބޭފުޅުންނާ ހިއްސާ ކުރައްވާފައި ވެއެވެ.
ޝިދާތާގެ ވާހަކަފުޅުގައި ވޭތިވެ ދިޔަ ދައުރުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ ނިސްބަތް އިތުރު ނުވާކަން ފާހަގަކުރައްވާ، ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެނުންގެ ނިސްބަތް މާބޮޑަށް ކުރި އަރައިގެން ހިނގައިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިފަރަގު ނައްތާލާ ކަނބަލުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މިހާރަށް ވުރެ ފުޅާ ކުރަންޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މަޖިލިހުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށް (އެޕަމޭޓީވް އެކްޝަން) މުހިންމު ކަމުގެ މައްޗައް ބައްލަވާލައްވާ މި ބައްދަލުވުމުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވާފައި ވެއެވެ. އަދި މިހާރު އޮތް ނިޒާމްގެ ތެރެއިން އަންހެނުންގެ ބައިވެރިވުން އިތުރު ވެގެން ދާނެކަން ގަބޫލު ކުރުމަކީ ފާއިތުވެ ދިޔަ 10 އަހަރުގެ ތަޖުރިބާ އިޔާދަކުރުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޝިދާތާގެ ވާހަކަފުޅުގައި ޖެންޑަރ އީކުއަލިޓީ ގާނޫނޫގައި ރަނގަޅު ނިޒާމުތަކާއި ފުރުސަތުތަކެއް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަންކަން ތަންފީޒު ކުރުމުގަޔާއި ގާނޫނަށް މީހުން އަހުލުވެރި ކުރުވުމުގައި ގޮންޖެހުންތަކެއް ހުރިކަން ބަޔާންކުރައްވާ އެކަންކަން ތަރުތީބު ކުރުމަށް ޖެންޑަރ މިނިސްޓރީން ކުރަމުންދާ މަސައްކަތްތަކާއި ސިޔާސީ އަދި އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމުގައި ހުރި ކަންބޮޑުވުންތައް އެކަމަނާ ވަނީ އީޔޫގެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން މުދާ މިލކުކުރުމުގެ އަންހެނުންގެ ނިސްބަތް ކުޑަވުމާއި ވަކިން ޚާއްސަގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މި ފަރަގު ބޮޑުކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.