Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 17:45
ފުލުހުންގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން
ފުލުހުންގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރާއްޖެއެމްވީ
މަޖިލީސް އިންތިހާބު 2019
އިންތިހާބާ ގުޅިގެން އެންމެ ގިނަ ޝަކުވާ ގދ. އަތޮޅުން!
ގދ. އަތޮޅުން 33 ޝަކުވާ ހުށައެޅިފައިވޭ: ފުލުހުން
ކެމްޕޭނު ހަރަކާތްތައް ހިންގުމުގައި އާއްމު އިޖުތިމާއި މިންގަނޑުތަކާ ހިލާފުނުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެންމެ ގިނަ އިން ޝަކުވާ ހުށައެޅިފައި ވަނީ ގދ. އަތޮޅުން ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އިންތިހާބާ ދިމާކޮށް ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން ކަންތައްތަކެއް ކުރާކަމުގެ ޝަކުވާ ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން ރަށްރަށުން ވެސް ޝަކުވާ ހުށައެޅިފައިވާ ކަމަށެވެ.  

''ބައެއް އަތޮޅުތައް އެބަހުރި މާލެ ހިމެނޭ ގޮތަށް، މާލެގައި މިހާތަނަށް ބެލިއިރު އިލެކްޝަނާ ގުޅުން ހުރި 12 މައްސަލައެއް ހުށައެޅިފަ އެބޮތް. ދެން އަތޮޅުތަކަށް ބަލާއިރުގައި ގދ. އަތޮޅު ތަންކޮޅެއް ގިނަ ކަމަށް ފާހަގަ ކުރެވޭ. ގދ. އަތޮޅަށް ބަލާއިރު 33 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ފާހަގަ ކުރެވެނީ،'' ބަޝީރު ވިދާޅުވިއެވެ.

ހުށައެޅިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، މައްސަލަ ހައްލުކުރުމަށް އިލެކްޝަނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބަޝީރު ވިދާޅުވިއެވެ.  

އިންތިހާބަ ދިމާކޮށް ފުލުހުން ފަށާފައިވާ ''އޮޕަރޭޝަން ބްލޫ ޓައިޑް'' އާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބްލޫ ޓައިޑް އޮޕަރޭޝަންގެ ކޮމާންޑަރު އަދި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުންނާއި އިލެކްޝަނާ ވެވިފައިވާ އެއްބަސްވުމުގެ ދަށުން އިންތިހާބުގެ ސަލާމަތީ ކަންކަމާއި، ވޯޓު ފޮށި ބަހައްޓާ މަރުކަޒުގެ ހުރިހާ ތަންތަނެއްގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާނެ ކަމަށެވެ.

އިންތިހާބަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި އިންތިހާބަކަށް ހެދުމުގެ ގޮތުން ދުރާލާއި އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ތައްޔާރު ވާން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަތޮޅު ތެރެއަށް ބޭނުންވާ ފުލުހުން އަތޮޅުތަކަށް ގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

''އެގޮތުން އަތޮޅު ތެރެއާއި މާލޭގައި މި ހަރަކާތްތައް މިހާރު ވެސް ކުރިޔަށްދާ ކަން ފާހަގަ ކުރަން. މީގެ އިތުރުން އިލެކްޝަނާއި ގުޅިގެން އިލެކްޝަންގެ ފަރާތުން ފުލުހުންނަށް ދޭ ތަމްރީނުދޭ ތަންތަން މީގައި ހިމެނިގެން ދާނެ މި އިންތިހާބަކީ އަމާން  ވެއްޓެއްގައި ކުރިޔަށްދާނެ އިންތިހާބަކަށް ހެދުމަށްޓަކައި ފުލުހުންގެ އޮޕަރޭޝަން ބުލޫ ޓައިޑްގެ ތެރެއިން ވޯޓު ފޮށި ބަހައްޓާ ހުރިހާ ތަނެއްގައި ފުލުހުން ހަރަކާތްތެރި ވަމުންދާނެ،'' އޭނާ ވިދާޅުވިއެވެ.

އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި، މަންދޫބުންނާ އެކު ފުލުހުން މާލޭގެ އިތުރުން ރަށްރަށުގައި ބައްދަލުވުންތަކެއް ބާއްވަމުންދާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މާލޭގެ ފަރާތްތަކާއި މިހާރު ބައްދަލުވުން ނިމިފައިވާ ކަމަށެވެ.

ކެމްޕޭނު ކުރުމުގެ ނިޔަތުގައި އެއްވެސް ފަރާތްތަކުގެ މުދަލަށް ގެއްލުމެއް ނުދިނުމަށާއި، ކެމްޕޭނު ހަރަކާތްތައް ހިންގުމުގައި އާއްމު އިޖުތިމާއި މިންގަނޑުތަކާއި ހިލާފުނުވުމަށް ފުލުހުން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށިތައް ރައްކާތެރި ކޮށްފައިވާ ތަނަށް ''ގޮތް ނޭނގޭ ބަޔަކު'' ވަދެފައިވާ ކަމަށް އޭރު ސަރުކާރުގައި ތިބި ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، މި ފަހަރުގެ އިންތިހާބުގައި ފުލުހުންނަށް ނޭނގި ބަޔަކަށް ނުވަދެވޭނެ ކަމަށާއި އެ އަށް ވުރެ ސެކިއުރިޓީ ވަރުގަދަ ވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް