Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 08:43
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
ތަރައްޤީ
ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަފަށް ރާއްޖެ ބަދަލުވުމުގެ ފުރުޞަތު އެބަ އޮތް: ނަޝީދު
ޥޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓު 7 ބިލިއަނުން 30 ބިލިއަން ރުފިޔާއަށް އުފުލުނު
ދިވެހިރާއްޖޭގެ އުފެއްދުންތެރި ކަމުގެ މިންވަރު 77 ބިލިއަން ރުފިޔާއަށް އުފުލިގެން ދިޔަ

މެދު އާމްދަނީގެ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަފަށް ކުރިއަށް ޖެހުމުގެ ފުރުޞަތު މިއަދު ދިވެހިރާއްޖެއަށް އެބަ އޮތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު  ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް، ޙަސަން ލަޠީފްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އާދީއްތަ ދުވަހުގެ ރޭ ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ މުއްސަނދި ޤައުމެއް ކަމަށެވެ.

ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ލިސްޓުން މެދު އާމްދަނީގެ ޤައުމަކަށް 2007 ވަނަ އަހަރު ރާއްޖެ ބަދަލުވެގެން ދިޔަކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓު ހަތް ބިލިއަން ރުފިޔާއިން 30 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، މި މުއްދަތުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރު 77 ބިލިއަން ރުފިޔާއަށް އިތުރުވެެގެން ގޮސްފައިވާއިރު، މިހާރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް އަހަރަކު ފަނަރަ ހާސް އެމެރިކާ ޑޮލަރު، ނުވަތަ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ޖެހެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ ގުދުރަތީ ވަސީލަތްތަށް ގިނަ މުއްސަނދި ރާއްޖެއެއް. 1،000 ކިލޯ މީޓަރަށް އުތުރުން ދެކުނަށް ދެމޭ. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އިގުތިޞާދީ ސަރަހައްދު ސައޫދީ އަރަބިއްޔާއަށް ވުރެވެސް ބޮޑު. އަޅުގަނޑު ދެންނެވި ފުރަތަމަ ހަގީގަތަކީ ދިވެހިރާއްޖެ މިއަދު މެދު އާމްދަނީގެ ގައުމަކުން ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ބަދަލުވެވެން އެބައޮތް. ދެވަނަ ހަގީގަތަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ އަކީ މޮޅުބައެއްކަން. އަޅުގަނޑުމެންގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީވެސް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނެ ބޭފުޅުންނަކީ ވެސް އަދި ޕާޓީތަކުގެ ކޮމެޓީތަކުގައި ތިއްބަވާ ބޭފުޅުން ކަމުގައި ވިޔަސް. މިރޭ މިތަނަށް އެއްވެފައި ތިބި މީހުންނަކީވެސް ހެންވޭރުން ހުނި ޖަހާލާފައި ނެގެން ތިބި މީހުން. އަޅުގަނޑު މި ދެންނެވި ހަގީގަތް ތިބޭފުޅުންނަށް ސާފުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލައްވަވާ މި ޖަލްސާގައި ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެދި މި ސިޔާސީ ނިޒާމް އަލުން އުފެދިގެން އައިއިރު  ދިވެހިންގެ ތެރެއިން އެކިއެކި ފިކުރުގައި ތިބި މީހުން އެކިއެކި ދިމާލަށް ގޮސް ހުއްޓުނު ކަމަށާއި އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އެމްޑީޕީގެ ފިކުރު ކަމުގޮސް އެމްޑީޕީއާ ގުޅިގެން ދިޔަ ކަމަށެވެ. އެ ދުވަހުވެސް މިއަދުވެސް އެ މީހުން ގަބޫލުކުރަނީ ރާއްޖެ ބަދަލު ކުރެވިދާނެ ކަމަށާއި ދިވެހިންނަށް މިއަށްވުރެވެސް ރަނގަޅު ދިރިއުޅުމަކަށް ދެވިދާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް