Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 17:33
ފެން ކުންފުނީގެ އެންމެ ދުވަސްވީ މުއައްޒަަފު ޝާފިއު
ފެން ކުންފުނީގެ އެންމެ ދުވަސްވީ މުއައްޒަަފު ޝާފިއު
ޓްވިޓަރ
އެމްޑަބްލިޔުއެސްސީ
ފެން ކުންފުނީގެ އެންމެ ދުވަސްވީ ދިވެހި މުއައްޒަފު ނިޔާވެއްޖެ
ޝާފިއުއަކީ ފެން ކުންފުންޏަށް ނެގި އެންމެ ފުރަތަމަ ދިވެހި މުއައްޒަފު

ދައުލަތުގެ ފެން ކުންފުނި، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެންމެ ދުވަސްވީ މުއައްޒަަފު، ހ. ވިއޯލާ މުޙައްމަދު ޝާފިއު ނިޔާވެއްޖެއެވެ. 

ޝާފިއު ނިޔާވިއިރު އޭނާގެ އުމުރުން 57 އަހަރެވެ. 

ޝާފިއު ނިޔާވީ، އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ތ. އަތޮޅުގެ ރިސޯޓަކަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ހޮނިހިރު ދުވަހުގެ ފަތިހުއެވެ.

ޝާފިއު ނިޔާވުމުގެ ހިތާމައިގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އޭނާގެ އެފްބީގައި ވިދާޅުވީ، މުހައްމަދު ޝާފިއު ނިޔާވުމާ ގުޅިގެން އެ ކުންފުނީގެ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.

އާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޝާފިއު ނިޔާވުމަކީ ކުންފުންޏަށް އިޔާދަ ނުކުރެވޭ ވަރުގެ އެސެޓެއް ގެއްލިގެން ދިއުންފަދަ ކަމެއް ކަމަށެވެ. ޝާފިއު ވަނީ މެދުނުކެނޑި 23 އަހަރު ކުންފުންޏަށް ހިދުމަތް ކުރައްވާފައި ކަމަށާއި އޭނާއަށް "މުޅި ތަން" އެނގިވަޑައިގަންނަވާނެ ކަމަށާއި އެއީ އަހުލާގު ރަނގަޅު، ކުންފުންޏަށް އިހްލާސްތެރި މުވައްޒަފެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ކުންފުނިން ނެރުނު ތައުޒިޔާގެ މެސެޖްގައި ބުނެފައިވަނީ އޭނާއަކީ އެކުންފުންޏަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެ ކުންފުނީގެ އެންމެ ދުވަސްވީ، ދިވެހި މުއައްޒަފު ކަމަށެވެ. އަދި މި ހިތާވެރި ދަނޑިވަޅުގައި ޝާފިއުގެ އާއިލާ އާއި އެކުގައި ވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ނިޔާވިއިރު ޝާފިއު މަސައްކަތް ކުރަމުން ދިޔައީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް މެނޭޖަރުގެ މަޤާމުގައެވެ. ޝާފިއު އެ ކުންފުންޏާ ގުޅުނީ 1995 ވަނަ އަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް