މަސައްކަތްތެރިކަމާ ގުޅޭ އެކި ދާއިރާތަަކަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް ޤައުމީ ފެންވަރުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ހާޝިމް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ)އާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް އާދިއްތަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ، ރާއްޖޭގެ އެކި އިންޑަސްޓްރީ ތަކަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ޤައުމީ ފެންވަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަަމަށާއި، އެކަމަށްޓަކައި ސަރުކާރުގެ އެސްއޯއީތަކާއި، މިނިސްޓްރީތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
" އަޅުގަނޑުމެން ޓިވެޓް އޮތޯރިޓީން ޤަސްތުކުރަން ކުރިއަށްއޮތް ތާނގައި އިރާދުކުރެއްވިއްޔާ ނޭޝަނަލް ލެވެލްއެއްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފައްޓަން، އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އެކިއެކި އިންޑަސްޓްރީސްތަކަށް ބޭނުންވާ ތަފާތު މުވައްޒަފުން، ތަފާތު ވަޒީފާތަކަށް ބޭނުންވާ އެކި ގިންތީގެ ދިވެހިން ބިނާ ކުރުމަށްޓަކަައި ވަޒީފާދޭ ފަރާތްތައް ބޭނުންކޮށްގެން ވަޒީފާދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައި ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ރާވާ، ސަރުކާރުން ރާވާ މަސައްކަތެއް" ހާޝިމް ވިދާޅުވިއެވެ.
ހާޝިމް އިތުރަށް ވިދާޅުވީ، މަސައްކަތްތެރި ކަމުގެ އެކި ދާއިރާތަކާ ގުޅޭ މި ޕްރޮގްރާމްތައް ރޯދަ މަހަށް ފަހު ފެށޭނެ ކަމަށާއި، ރާއްޖޭގެ މަސައްކަތްތެރި ކަމުގެ ދާއިރާގައި ޒުވާނުން އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން ޒުވާނުންނަށް އާމްދަނީ ހޯދާނެ ރަނގަޅު މަގުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.