ދިވެހިރާއްޖޭގެ ބޯޑަރ ރައްކާތެރިކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް އިމިގްރޭޝަނުން ފަށައިފިއެވެ.
އާދީއްތަ ދުވަހު އިމިގްރޭޝަނުން ފެށި، މި ޕްރޮގްރާމް ފަށާފައިވަނީ "ބޯޑަރ ސެކިއުރިޓީ، ޕްރޮޑިއުލަންޓް އައިޑެންޓިޓީސް އެންޑް ޑޮކިއުމެންޓް ސެކިއުރިޓީ ޓްރެއިނިންގ ޕްރޮގްރާމް" ގެ ނަމުގައެވެ.
އިމިގްރޭޝަނުން ބުނީ، މި ތަމްރީން ޕްރޮގްރާމަކީ އޭވިއޭޝަން ދާއިރާ އާއި ދިވެހިރާއްޖޭގެ ބޯޑަރ ބެލެހެއްޓުމުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބާއްވާ ޕްރޮގްރާމެއް ކަމަށާއި، އެގޮތުން މި ޕްރޮގްރާމްގައި މޯލްޑިވްސް އިމިގްރޭޝަނުގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްގެ ފަރާތުން ބައިވެރިވާ ކަމަށެވެ.
ކޮންމެ އިދާރާއަކުން ހަތް ބައިވެރިންނާއެކު މުޅި ޖުމްލަ 114 ފަރާތަކުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އިިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ޝާމިލްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ. މި ޕްރޮގްރާމަކީ ތިން ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެއެވެ.
އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމަކީ އިމިގްރޭޝަނުގެ ވިހި އޮފިސަރުންނާއި އެމެރިކާ،ކެނެޑާ،ޖަރުމަނު،އަދި އިނގިރޭސި ވިލާތުގެ ކަމާއި ގުޅުން ހުރި ތަޖްރިބާ ކާރުންނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.