އަވަށްޓެރި ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންފުޅުވެލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ 79 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ޕާކިސްތާނުގެ ގައުމީ ދުވަހުގެ ގޮތުގައި މާޗް މަހުގެ 23 ވަނަ ދުވަސް ކަނޑައަޅަފައިވަނީ ވަނީ 1940 ވަނަ އަހަރު ފާސް ކުރެވުނު ލާހޯރް ރެޒޮލިއުޝަން ގަރާރާއި ގުޅިގެންނެވެ.
އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 23 ވަނަ ދުވަހަކީ އެގައުމުގައި ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަމުންދާ ދުވަހެކެވެ. އެގޮތުން މިލިޓަރީ ޕެރޭޑާއި ހެވިކަމުގެ ކުޅިވަރުތައް ވެރިރަށް އިސްލާމް އާބާދުގައި ބާއްވައެވެ. މި ފަހަރުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިމްރާން ޙާން އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރް މުހައްމަދުއެވެ.
ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ޕާކިސްތާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ބޮޑުވަޒީރު އިމްރާން ޙާން އަށާއި ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރާއްޖެއިން ޕާކިސްތާނާ އެކު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވެލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދެ ގައުމު އެކުގައި ސުލްހަ މަސްލަސް ކަމާއި ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ރާއްޖެގައިވެސް ވަނީ ހާއްސަ ހަރަކާތެއް ބާއްވާފައެވެ. އެގޮތުން އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނައިބް ރައީސް ފައިސަލް ނަސީމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކުފުޅު ދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވި، ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ މައިދާނުގައިވެސް ރާއްޖެއާއި ޕާކިސްތާނުން ގުޅިގެން، ދެ ގައުމަށް ފައިދާ ކުރަނިވި ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް، ދެކުނު އޭޝިޔާ އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ކަށަވަރުކޮށް އިތުރު ފާގަތިކަން ހޯދުމަށް ދެ ޤައުމުން އެކުގައި މަސައްކަތް ކުރާނެކަން ޔަޤީން ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ގޮތުން ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދުވަސްވީ ގުޅުމުގެ ސިއްރަކީ ދެގައުމުގެ އެއްގޮތް ސަގާފަތާއި، އިސްލާމްދީނާއި، އެއް ގައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.