ރާއްޖޭގެ ފުރަތަމަ އައިސް ސްކޭޓިން ރިންކް ޖުމެއިރާ ވިޓަވެލި ރިސޯޓުން މިދިޔަ އަހަރުގެ މާރޗް 20 ވަނަ ދުވަހު ހުޅުވާފައިވާއިރު އައިސް ސްކޭޓިން ރިންކްއަށް އެއްއަހަރު ފުރުން އެ ރިސޯޓުން ފާހަގަކޮށްފިއެވެ.
މާރޗް 20 ވަނަ ދުވަހު އެ ރިސޯޓުގައި ބޭއްވި ހަފްލާގައި، އައިސް ސްކޭޓިން ރިންކް ހުޅުއްވައިދެއްވި، ރަޝިއާގެ އައިސް ސްކޭޓިން ގޯލްޑް މެޑަލިސްޓް ޔޫގީނީ ޕްލޫޝެންކޯ އާއި އޭނާގެ އާއިލާއިން ވަނީ ބައިވެރިވެފައެވެ. ޔޫގީނީ ވަނީ މި އައިސް ސްކޭޓިން ރިންކްގައި ސްކޭޓިންގެ ހަރަކާތްތައް ދައްކާލާފައެވެ. އޭނާ ވަނީ ސްކޭޓް ކުރުމަށް ބޭނުންކުރާ ސްކޭޓް ބޫޓާއި މެޑަލް ހޯދިއިރު އޭނަ ލައިގެން ހުރި އައުޓްފިޓް އެ ރިސޯޓަށް ހަދިޔާކޮށްފައެވެ. އަދި އެ ރިސޯޓުން ވަނީ ޑިސްޕްލޭގައި އާންމުންނަށް ފެންނަ ގޮތަށް ރިސޯޓުގައި އެ ތަކެތި ބަހައްޓާފައެވެ.
ޖުމެއިރާ ވިޓަވެލި ރިސޯޓްގެ ޖެނެރަލް މޭނެޖަރ އަމިތް މަޖުމްދަރް ވިދާޅުވީ މި ރިންކް ހެދުމަށްޓަކައި ދޮޅު އަހަރު ދުވަސް ހޭދަވި ކަމަށެވެ. އެ ރިންކްގައި ސްކޭޓް ކުރާ ފަރާތްތަކަށް ސްކޭޓް ކުރުމުގެ ކުރިން ގައިޑް ކޮށްދޭނެ މީހުންނާއި ޓްރެއިނަރުން ތިބޭނެ ކަމަށާއި ކޮންމެ މީހެއްގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ސޭފްރީ އިކުއިޕްމަންޓްސްތައް ހަމަޖެހިފައިވާނެ ކަމަށް ރިސޯޓުން ވަނީ ބުނެފައެވެ.
މި ރިންކް މެދުވެރިކޮށް ސްކޭޓް ކުރެވޭނީ އުމުރުން 8 އަހަރުގެ މަތީގެ ކުދިންނަށް ކަމަށާއި އުމުރުން 8 އަހަރުގެ ކުއްޖަކު ސްކޭޓް ކުރަން ބޭނުންވާ ކަމުގައިވާނަމަ ބެލެނިވެރިޔާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ރިސޯޓުން ވަނީ ބުނެފައެވެ.
މި ރިންކް މެދުވެރިކޮށް ސްކޭޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރިސޯޓުގައި ތިބޭ ގެސްޓުންނަށް އެކަންޏެވެ.
ވިޓަވެލީގައި އައިސް ރިންކް ހަދާފައިވަނީ އާޓިފިޝަލް އައިސް ޕްލޭޓް ހަދާ ކުންފުންޏެއް ކަމަށްވާ ގްލައިސް އިންނެވެ. ގްލައިސް އަކީ ކޮންމެ ކަހަލަ މާހައުލެއްގައި ވެސް ފިނި މޫސުން ތަޖުރިބާ ކުރެވޭނެ ގޮތް ހަދައިދޭ ކުންފުންޏެކެވެ.