ފުލުހުންގެ ގާނޫނޫގެ ދަށުން ހޯމް މިނިސްޓަރަށް ލިބިފައިވާ ބާރުތައް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހަނިކުރެވިފައި ވަނިކޮށް، އަނެއްކާ ވެސް އެބާރުތައް ހޯމް މިނިސްޓަރަށް ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ވަހީދުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހޯމް މިނިސްޓަރަށް އަނބުރާ އެ ބާރުތައް ދިނުމަށް ސޮއިކުރަން ޖެހޭ ލިޔުމުގައި މިހާރު ސޮއި ކުރައްވަވާފައި ވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެ މީގެ ފަސް މަސް ކުރިން އޮތް ހާލަތުން ސަލާމަތް ކުރަން ގިނަގުނަ މަސަައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އޭރު އޮތް ބިރުވެރި ހާލަތުން ރާއްޖެ ސަލާމަތް ކުރުމަށް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް މަޖިލިސް ތެރެއިން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މިހާރު އެ ހާލަތު ބަދަލުކުރެވިފައިވާ ކަމަށެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ގައުމެއް ތަރައްގީ ކުރެވޭނީ އެ ގައުމެއްގެ ރައްޔިތުންނަށް ސިޔާސީ މިނިވަންކަން ލިބިގެން ކަމަށާއި، ގާނޫނުގެ ކުރިމަތީގައި ރައްޔިތުން ހަމަހަމަ ކުރެވިގެން ކަމަށެވެ. އަދި ވެރިން ނަޒާހާތްތެރިވެ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކުން އެއްކިބާވުމަކީ ވެސް ގައުމެއް ތަރައްގީ ވާން ކޮންމެހެން ބޭނުންވާ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ޔަގީންކޮށްދޭ މެނިފެސްޓޯއަކީ އެޖެންޑާ 19 ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެ ދާއިރާގެ ރައްޔިތުން އަރިހުން އެދިވަޑައިގެންފައެވެ.
މި ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމެއްގެ ދަށުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނު މަޖިލީހުގެ ތަޅުމަށް ހުށައެޅުމާއި އެކު، އެ ގާނޫނު ފާސްކޮށްފައި ވަނީ އޭރު އިދިކޮޅުގައި ތިއްބެވި ފަރާތަތަކުން އެ ގާނޫނު މުޅިން ގަޑުބަޑު ކުރުމަށް ފަހު ކަމަށެވެ. އަދި ފެނިގެން ދިޔައީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހުރިހާ ބާރުތަކެއް މަރުކަޒީ ވެގެން ދިޔަތަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ އެމްޑީޕީއަށް މަޖިލީހުގެ އަގްލަބިއްޔަތު ލިބިއްޖެ ނަމަ ލާމަރުކަޒީ ގާނޫނު އޭގެ އެއްމެ ފުރިހަމަ މާނާގައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އަރުއްވާފައެވެ.
ކޮމަންޑޫ އާއި ފޯކައިދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ދާއިރާގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް މަޝްރޫއުތައް ފެށިގެން ދާނެ ކަމަށާއި ކޮމަންޑޫގައި ބޭންކިންގެ ހިދުމަތް ތައާރަފް ކުރުމަށާއި ދަތުރުފަތުރުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ރައީސް ކަމަށް ރައީސް ސޯލިހު ވަޑައިގެންނެވި ފަހުން ށ.އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.