ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން, ފަތުރުވެރިކަމުގެ ބޭނުމަށް ވިސާއާ ނުލައި ތައިލެންޑަށް އެތެރެވެވޭނެ ކަމަށާއި، ވިސާއާ ނުލާ ދިވެހިންނަށް ތިބެވޭނީ 30 ދުވަހުގެ މުއްދަތަށް ކަމަށެވެ.
ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެޤައުމަށް އެތެރެވެވޭނެ ގޮތް ހަމަ މިޖެހުނީ މި މަހުގެ 21 ވަނަ ދުވަހު ތައިލެންޑާއި ރާއްޖެއާ ދެމެދު ވިސާނެތި ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ތައިލެންޑުގެ ޑެލިގޭޝަންގެ އިސްފަރާތްތަކާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.
މިހާރު އޮންނަ ގޮތުން ތައިލެންޑަށް ދަތުރުކުރާ ނަމަ އެޑްވާންސްކޮށް ވިސާ ނަގަންޖެހެއެވެ. އަދި ވިސާ ފީ ވެސް ދައްކަންޖެހެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށް ވެސް ފަސޭހަކަމާ އެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދާދި ފަހުން އަވަށްޓެރި އިންޑިއާއާ އެކު ވެސް ވަނީ ވިސާގެ ލުއިތަކެއް ހޯދުމަށް އެއްބަސްވުންތަކަކަށް އައިސްފައެވެ. އެގޮތުން ވިޔަފާރީގެ ބޭނުމަށް އިންޑިއާއަށް ދާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަސް އެ ގައުމުގައި ތިބެވޭއިރު ޓޫރިސްޓުންގެ ގޮތުގައި އިންޑިއާއަށް ދާ މީހުންނަށް ވެސް ވިސާއާ ނުލައި 90 ދުވަހު އެ ގައުމުގައި ތިބެވޭނެއެވެ. ކުރިން ތިބެނީ 30 ދުވަހުއެވެ.