ކްރައިސްޓްޗަރޗްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާއަށް ފަހު އަލް ނޫރު މިސްކިތް ފުރަތަމަ ފަހަރަށް ބޭނުން ކޮށްފިއެވެ.
މިސްކިތުގެ އިމާރާތް ބަންދުކޮށްފައި ހުރީ ފުލުހުންގެ ތަހުގީގަށެވެ. ކުދިކުދި ގްރޫޕްތަކުގެ ގޮތުގައި މިސްކިތަށް ވަނުމަށް ހުއްދަދީފައި ވަނީ ހޮނިހިރުދުވަހުއެވެ.
ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ދެ މިސްކިތެއްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައެވެ.
އަލްނޫރު މިސްކިތް ހޮނިހިރު ދުވަހު ހުޅުވާފައިވާއިރު ހޮނިހިރު ދުވަހު ކްރައިސްޓްޗަރޗްގައިވަނީ ހަމަލާގައި ގެއްލުން ލިބުނު މީހުންގެ ހަނދާނުގައި އެމީހުންނަށް އޮތް ލޯބި ދައްކުވައިދިނުމަށް 3،000 އެއްހާ މީހުން ހިނގާލުމެއް ބާއްވާފައެވެ.
މަޑުމައިތިރިކަމާއެކު ކުރިޔަށް ގެންދިޔަ މި ހިނގާލުމުގައި ބައެއް މީހުން ތިބީ ސުލްހައަށް ގޮވާލައި އަދި ނަސްލީ ތަފާތު ނައްތާލުމަށް ގޮވާލައި ލިޔެފައިހުރި ބޯޑުތައް ހިފައިގެންނެވެ.
ހަމަލާއަށް އެއް ހަފްތާ ފުރުނު ދުވަހު އެ ގައުމުގެ ހަގްލޭ ޕާކްގައި ހުކުރު ނަމާދު ބޮޑު ޖަމާއަތުގައި ބާއްވާފައިވާއިރު މަރުވި މީހުންގެ ހަނދާން އާ ކުރުމުގެ ގޮތުން ވަނީ ބަންގިއަށް ފަހު ދެ މިނިޓްގެ ސުކޫތެއް ގެެނެސްފައެވެ.
މުސްލިމުން ހުކުރު ނަމާދު ކުރަމުންދިޔައިރު އެހެން ދީންތަކުގެ މީހުން ވެސް މުސްލިމުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ސަފުތަކުގެ ފަހަތުގައި މަޑުކޮށްލައިގެން ތިއްބެވެ.