ރ. އުނގޫފާރުން ވަގަށް ނެގި ތިޖޫރީއެއް، ފަޅާނުލެވި ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.
އުނގޫފާރު އަމިއްލަ ބައެއްގެ ތިޖޫރީ ވަގަށް ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ވައްކަމުގެ އެ މައްސަލާގައި ހަތަރު ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އުނގޫފާރުން ވަގަށް ނެގި ތިޖޫރީގެ މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށު ފަޅު ގޯއްޗެއް ބަލައިފާސްކުރި އިރު، އެ ގޯތި ތެރެއަށް ތިޖޫރީ އެއްލާލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ވަގަށް ނެގި މީހުން އެ ތިޖޫރީ ހުޅުވަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން އެ މީހުންނަށް ނުކުރެވިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިޖޫރީގައި ހުރި ފައިސާގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.