ރ.ދުވާފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަން ކަމަށާއި، މިމައްސަލައަށް ހައްލު ލިބޭނީ އެޖެންޑާ19 އިން ކަމަށް މަޖިލިސް އިންތިޚާބުގައި ދުވާފަރު ދާއިރާއިން ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރ.އަލިފުށީގައި ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ ރައީސްގެ ވައުދާއެއްގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ވީއެންމެ އަވަހަށް ފައްޓަވާ ދެއްވުން އެއީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިވަނީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ފޯރާފަ. މިސަރަހައްދުގަ އަމިއްލަ ބިމުގަ ކުއްޔަށް ކޮޓަރި ހިފައިގެން ދިރިއުޅޭ ރަށެއް ދުވާފަރު ނޫނިއްޔާ ނުހުންނާނެ" އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ދުވާފަރަކީ މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ ރަށެއް ކަމަށާއި، މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ނުލިބުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މިފަދަ އެތައް ކަންބޮޑުވުންތައް ހުރިއިރު ހައްލު އޮތީ އެޖެންޑާ19ގައި ކަމަށާއި، މިސިޔާސަތު ތަންފީޒުކޮށްދިނުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުރަތަމަ އެމްޑީޕީ ނުކުތީ އަނެއް ދިވެހިރާއްޖެ ނަމުގައި ކަމަށާއި، އެފަހަރުގެ މިސިޔާސަތު ތަންފީޒު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް މިސިޔާސަތާއެކު ރައްޔިތުންނަށް ފަހި ދިރިއުޅުން ލިބިގެން ދިޔަ ކަމަށެވެ.
މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޝިހާމް ވިދާޅުވީ އަލިފުށީ ދާއިރާއިން ފެށިގެން މަޑުއްވަރީއާ ހަމައަށް ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށާއި، މިމަސައްކަތުގައި ތިބީ ވަރުބަލި ކަމެއް ނެތި ކަމަށެވެ.
ޝިހާމް ވިދާޅުވީ އެޖެންޑާ19އިން ހިތަށް ލިބިގެންދާ އެންމެ ބޮޑު ޝިފާއަކީ އިންސާފު ލިބުން ކަމަށާއި، އޯގާތެރި ސަރުކާރެއް ލިބުން ކަމަށެވެ. ފަހުރުވެރިވާ އާއިލާއެއް އިތުރުން ޖަޒީރާ ދިރިއުޅުމެއް ލިބުން ކަމަށެވެ. އަދި އޭނގެ ތެރެއިން ނޫއިގްތިސާދެއް ވަނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިހާމް ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދަނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށާއި، ރައްޔިތުން ބޭނުންވާ މެނިފެސްޓޯއާއެކު ކަމަށެވެ.
"އެޖެންޑާ19 އިން އަޅުގަނޑުމެން އަދުލްއިންސާފު ގާއިމްކޮށްދޭނަން ދައުލަތް ޖަވާބުދާރީ ކުރުވާނަން. އިތުބާރު ހުރި ސިއްހީ ނިޒާމެއް ގާއިމްކޮށްދޭނަން. ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އިނާއަތެއް ދޭނަން. އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެ. ބޯހިޔާވަހިކަން އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ. ކިޔަވާ ކުދިންގެ ލޯނު އެއްޕަސެންޓް އިންޓަރެސްޓާއެކު އަޅުގަނޑުމެން ހޯދަދޭނަން. ފެނާ ކަރަންޓުގެ އަގުހެޔޮ ކޮށްދޭނަން. ގެސްޓުހައުސްގެ ވިޔަފާރި އިރާދަކުރެއްވިއްޔާ މުޅިރާއްޖެއަށް ފަތުރާލަދޭނަން. އެގްރިވިޔަފާރި ފަހިކޮށްދޭނަން. ދަތަރުފަތުކުރުމުގެ ރަނގަޅު ވިޔުގަ ގާއިމްކޮށްދޭނަން" ޝިހާމް ވިދާޅުވިއެވެ.
ޝިހާމް ވިދާޅުވީ މިއީ ރައްޔިތުންނަށް ވިއްކާ ސިޔާސަތު ކަމަށާއި، މިސިޔާސަތުގެ ބޭނުން ހިފުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ.