ދުޅަހެޔޮ ސިއްޙަތަކަށް އާންމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދަންޖެހޭ ކަމަށް ހެލްތް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ހަކުރުބަލީގެ ޤައުމީ ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ފެންނަނީ ތަރައްޤީ އާއިއެކު ދިރިއުޅުމަށް ލިބޭ ލުއި ފައްސޭހަތަކާއި އެކު، މުޖުމައައަށް ކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ. އެގޮތުން ބަރުދަން އިތުރުވުމާއި، ލޭމައްޗަށް ދިއުމާއި، ހިތުގެ އަދި ކިޑްނީގެ ބަލިތަކާއި، ލޯއަދިރިވުން އަދި ކެންސަރު ފަދަ ބަލިތައް އަންނަނީ އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގެ މޫ އޮތީ މުޖުތަމައުގެ ތެރޭގައި ކަމަށާއި، ބަލިވުމުން ފަރުވާ ކުރުމަށް ޑޮކްޓަރުންނާއި ހަމައަށް އައިނަމަވެސް، މިކަމުގައި މުޅި މުޖުތަމައުގެ ރޯލް ވަރަށް މުހިއްމު ކަމަށެވެ. ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަ ކުޑަބަދަލަކުން ވެސް ބަލިތަކުން ރައްކާތެރިވާނެކަމާއި، އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވީމާ މިކަންކަމަށް އެންމެންގެ ސަމާލުކަން ބޭނުންވޭ. ސިއްހީ ވުޒާރާއިއެކު މަސައްކަތްކުރާނެ ފަރުދުންނާއި އެހެންހެން މުއައްސަސާތަކުގެ ދައުރު ވަރަށް މުހިއްމު." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ހަކުރު ބައްޔަށް އިޝާރާތް ކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރާނެ ކަމަށެވެ. އަދި މިފަދަ ދިގުމުއްދަތަށް ފަރުވާކުރާ ބަލިތަކަކީ، އެމީހާއަކީ މި ބައްޔަށް ވާރުތަވުމުގެ ފުރުސަތު އޮތް މީހެއްކަމުގައި ވިޔަސް، މިބަލިން ރައްކާތެރިވުމުގެ ފުރުސަތު އޮތް މީހެއް ކަމަށެވެ. ނުވަތަ ބަލި ނުޖެހި ގިނަ ދުވަހު ދެމިހުރުމަށް މަސައްކަތް ކުރެވިދާނެ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.