އިރާގުގެ މޫސަލްގެ ނޮއުރޫޒް ޗުއްޓީ ހޭދަކޮށްލުމަަށް އާއިލާތަކެއް ގޮވައިގެން ތިގްރިސް ކޯރުގައި ދަތުރުކުރި ފެރީއެއް ބަންޑުންޖަހާލައި އެތައް ބަޔަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
މޫސަލްގެ ސިވިލް ޑިފެންސް އޮތޯރިޓީގެ ވެރިޔާ ހުސާމް ޚަލީލް އާ ގަވާލާދީ ނޫސް އޭޖެންސީތަކުން ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ހާދިސާގައި މަދުވެގެން 40 މީހުން މަރުވެފައިވާ ކަމަށެވެ.
ހަލީލް ވިދާޅުވީ ޒަަޚަމްވި ގިނަ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ފަތަން ނުދަންނަ ކުޑަކުދިން ކަމަށެވެ.
މީހުން އަރުވަންޖެހޭ މިންވަރަށް ވުރެ އިތުރަށް އަރުވާފައިވާ ކަމަށް ބެލެވޭ އެ ފެރީގައި 200 އެއްހާ މީހުން ތިބޭނެ ކަމަށް ލަފާކުރެވެއެވެ.
އޮވްރޫޒް ޗުއްޓީއަކީ އިރާނުގައި ފާހަގަކުރާ ފާރިސީންގެ އާ އަހަރުގެ ޗުއްޓީއެވެ.
ބަޣްދާދުގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރު ބުނެފައި ވަނީ ސޯޝަލް މީޑިއާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ހިތްދަތި މަންޒަރުތައް ހުރި ކަމަށާއި ފެންނަ ފެނުމުގައި ހާދިސާ ހިނގާފައި ވަނީ ތީމް ޕާކުގައެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ފެރީ އޮތީ ބަންޑުން ޖަހާލާފައެވެ. ކޯރުގެ އައްސޭރިފަށުގައި ތިބި މީހުން ތިގްރިސް ކޯރަށް ފުންމާލައި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ މަންޒަރު ވީޑިއޯތަކުން ފެނިފައިވާ ކަމަށް ރިޕޯޓަރު ބުނެފައި ވެއެވެ.