ކުންފުނިތަކުންނާއި އާއްމު ރައްޔިތުންވެސް ބޮޑެތި އަދަދުތަކުން އެއްތަނުން އަނެއްތަނަށް ފައިސާ އުފުލާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ބުރާަސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިފަހަކަށް އައިސް ބޭންކަށް ފައިސާ ޖަމާކުރަންދާ މަގުމަތީގައި ބޮޑެތި ފޭރުމުގެ މައްސަލަތައް ހިނގަމުންދާ ކަމަށާއި އެގޮތުން ކުންފުނިތަކާއި އާއްމު ރައްޔިތުންވެސް ބޭންކަށް ބޮޑެތި އަދަދުން ފައިސާ ގެންދާނަމަ ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
މި ހިދުމަތް ހޯދުމަށް މާލޭގައި ނަމަ 9980068 އަށް ގުޅައިގެން ފުލުހުންގެ ހިދުމަތް ބޭނުން ކުރުމަށް އިޒްމިއާ ވަނީ އެދިފައެވެ. އަދި އަތޮޅުތެރޭގައިވެސް ބޭންކަށް ބޮޑެތި އަދަދުތަކުން ފައިސާ ގެންދާއިރު ފުލުހުންގެ ސެކިއުރިޓީގެ ހިދުމަތް އެ ރަށެއްގެ ޕޮލިސް ސްޓޭޝަނުން ހަމަޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ބޭންކުތަކަށް ގެންދާ ބޮޑެތި އަދަދުތަކުގެ ފައިސާ ފޭރިގަންނަ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން ބުދަ ދުވަހުގެ ވަގުތެއްގައި މިފްކޯގެ ވޭނެއް ހުއްޓުވުމަށްފަހު ދެ މިލިއަން ރުފިޔާ ފޭރިގެންފައި ވެއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.