ބޮޑެތި ބައެއް މައްސަލަތައް ނިމިފައިވާ ކަމަށާއި، ނަމަވެސް ދައުވާ ކުރަން ފޮނުވެން ނެތް ކަމަށް މަރުތަކުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ބޭރުގެ ތަޖްރިބާކާރުންގެ އެހީއާ އެކު އެ ކޮމިޝަނުން 27 މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ބޮޑެތި ބައެއް މައްސަލަ މިހާރު ބަލައި ނިމިފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތަފްސީލް ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ސުއޫދު ވިދާޅުވީ މައްސަލަތައް ބަލައި ނިމުނު ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ނުލިބި އޮތުމުގެ ސަބަބުން، އެއިން އެއްވެސް މައްސަލައެއް ދައުވާކުރަން ފޮނުވެން ނެތް ކަމަށެވެ.
ސުއޫދު ވިދާޅުވީ ޖިނާއީ މައްސަލަތައް ދައުވާކުރަން ފޮނުވެން ނެތީ ޖިނާއީ އިޖްރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން ކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ކޯޓްތަކަށް ހުށަހެޅޭނީ ގާނޫނަކުން ތަހްގީގުކުރުމުގެ ބާރު ދީފައި އޮންނަ އިދާރާއަކަށް ދީފައިވާ ބަޔާން ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޝަނުން ނިންމާފައިވާ މައްސަލަތައް އަވަސް ސްޕީޑްގައި ދައުވާކުރަން ފޮނުވަން ބޭނުން ނަމަ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު އަވަހަށް ލިބެންޖެހޭކަން ސުއޫދު ފާހަގަކުރެއްވިއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް ތިން ފަހަރު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ހަތަރު ވަނަ ފަހަރު އެ މައްސަލަވަނީ އެޖެންޑާ އިން ނަގާފައެވެ. މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ އެޖެންޑާ އިން ނަގަމުން ވިދާޅުވެފައި ވަނީ، ބިލް ދިރާސާކުރި ކޮމިޓީން ނުހިމަނައި ކަންތައްތަކެއް ކޮމިޓީގެ ރިޕޯޓްގައި ހިމަނާފައި އޮތުމުން ކަމަށް ބުނެއެވެ.
މިހާރު ބިލް އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ. ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ އަންނަ މަހު 15 ގެ ކުރިން ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއި ވަގަށް ނޫސްވެރިޔާ އަހުމަދު ރިލްވާނު ވަގަށް ނަގާފައިވާ މައްސަލަ ހިމެނެއެވެ.
ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ ،ކޮމިޝަންގެ އަމާޒަކީ ތިން މަހުގެ ތެރޭގައި މައްސަލަތައް ބަލައި ނިންމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދަނީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.