ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކަރަންޓް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލަތައް، ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
"މިހާރުން މިހާރަށް ކުރަންޖެހޭ މައްސަލަ ތަރުތީބުން ހައްލު ކުރުމަށް މަސައްކަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ،" ސައީދު ވިދާޅުވިއެވެ.
ކަރަންޓްގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ގެންނަންޖެހޭ ޖަނަރޭޓަރު ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ސައީދު ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ ހުޅުވާލެވިފައިވާ ޓެންޑަރ ޕްރޮސެސްއެއްގެ ތެރެއިން ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސައީދު ވިދާޅުވީ އޭނާ ފެނަކައާ ހަވާލުވެވަޑައިގެންނެވިއިރު، ކުންފުނި އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. ކުރީ ސަރުކާރުން ކަރަންޓްގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޖަނަރޭޓަރުތައް ގެނެސްފައިވާއިރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޖަނަރޭޓަރުތައް ގެނެސްފައިވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
އިސްލާމިކް ބޭންކުން 170 މިލިޔަން ރުފިޔާގެ ލޯން ނަގައިގެން 77 ޖަނަރޭޓަރު ސެޓް ގެނެސްފައިވާއިރު، އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ މައްސަލަތައް އޭސީސީން މިހާރު ބަލުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.
ފެނަކައަށް މާލީ ގޮތުން ދިމާވެފައިވާ ގޮން ޖެހުންތައް ހައްލުކުރުމަށް ގިނަ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ކޮމިޓީގައި ވާހަކަދައްކަވަމުން ސައީދުވަނީ ވިދާޅުވެފައެވެ. އެގޮތުން 14 ރީޖަނަލް އޮފީސް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.