އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަދި ބަނގުރަލުގެ ބާވަތްތަައް ނައްތާލައިފިއެވެ.
އަންގާރަ ދުވަހު ދޫނިދޫގައި ނައްތާލާފައި ވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2018 ވަނަ އަހަރުގެ މައްސަލައަކާއި 2019 ވަނަ އަހަރުގެ ހަ މައްސަލައަކާއި އަދި އިތުރު 68 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ.
ފުލުހުން ނައްތާލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 35.5 ކިލޯގްރާމް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 389 ރަބަރު ޕެކެޓާއި، 220 ސެލޯފިންކޮޅާއި، ފިލްމް ހުސްކުރި ދެ ދަޅުގެ އިތުރުން 35 މަނާބޭސް ގުޅައެވެ.
ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 2018 ވަނަ އަހަރުގެ 43 މައްސަލައަކާއި 2019 ވަނަ އަހަރުގެ 32 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި 183 ފުޅި ބަނގުރަލާއި، 69 ބިއަރުދަޅާއި، ތިން ބިއަރު ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 އެމްއެލް ގެ 936 ޕެޓް ފުޅިއާއި، ފަސް ލީޓަރުގެ ހަ ފުޅިއާއި އަދި 20 ލީޓަރުގެ 14 ޓައްޕުގައި ހުރި ތަކެއްޗެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗިއްސާއިމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މި އަހަރުގެ ޖެނުއަރީ މަހުގައި ވެސް ފުލުހުންގެ ބެލުމުގެ ދަށުގައިވާ މަސްތުވާތަކެތީގެ ތެރެއިން 8 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައިވާ އިރު، ފުލުހުންގެ އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ މިހާތަނަށް ވެސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ އިރު، ރާއްޖެން ބޭރުން ވެސް ދިވެހިން މަސްތުވާ ތަކެއްޗާ އެކު ހައްޔަރު ކުރެވިފައި ވެއެވެ.