ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ކެންޑިޑޭޓުން ސޮއިކުރުން ހުޅުވާލާނީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުން ނިމުމުން ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީ އިން ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައި ވަނީ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި، ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 02:30 އިން ރޭގަނޑު 22:00 އަށް ކަމަށެވެ.
ނަމަވެސް އީސީއިން ވަނީ ވޯޓުދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް އެއަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުމާ ގުޅިގެން ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުން ލަސްކޮށްފައެވެ.
އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.