މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސްގެ މަގާމަށް މުޙައްމަދު އަލީ ޖަނާޙް އިންތިޚާބުކޮށްފިއެވެ.
މީގެކުރިންވެސް މަސީގެ ރައީސްކަންކޮށް ފައިވާ ޖަނާހް، މަސީގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި މަސީގެ 17 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
މިއީ ޖަނާހް މަސީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވި 7 ވަނަ ފަހަރެވެ. ކުރިއަށް އޮތް ދެ އަހަރަށް މަސީގެ ނައިބު ރައީސުންނަށް ހޮވާފައިވަނީ އެލިއާ ކޮންސްޓްރަކްޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަލާއު އަލީ އާއި ދަމާސް ތަމްސީލް ކުރައްވާ އަބްދުﷲ ޞޯލިހެވެ. ސެކްރެޓަރީ ޖެނެރަލްއާއި، ހަޒާންދާރާއި، ހަޒާންދާރުގެ އެހީތެރިޔާގެ އިތުރުން މަސީގެ ބޯޑު މެންބަރުންނަށް 15 ބޭފުޅަކު ވަނީ އިންތިޚާބުކޮށްފަ އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޖާހް ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.
"ވާދަވެރި ގިނަ ކުންފުނިތައް މިހާރު މިދާއިރާގައި ހަރަކާތްތެރިވޭ. އެހެންކަމުން އެކުވެރިކަމާއި އެކު އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. އިންޑަސްޓްރީގައި އޮތް ވާދަވެރިކަމަކީ މިދާއިރާ ހަލާކުވެގެން ދާންޖެހޭ ސަބަބެއްނޫން. ހަމަގައިމުވެސް އަޅުގަނޑު މިމަގާމުގައި ހުރެގެން މި އިންޑަސްޓްރީއަށް ގެއްލުން ވާފަދަ ކަމެއް ވިޔަކަ ނުދޭނަން" އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރަށް މަސީގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުންވެސް ކުރިއަށް ގެންދިއައެވެ.
2019 ވަނަ އަހަރަށް މަސީގެ ބަޖެޓްގެ ގޮތުގައި އެއް މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ފާސްކުރި އެވެ.
މަސީއަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމަނައިގެން މި ދާއިރާ ކުރިއެރުވުމަށް 2001 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.