ނިއުޒިލެންޑުގެ ކްރައިސްޗާޗްގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ދެނެގަނިފައިވާ ބައެއް މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.
މި ޖަނާޒާތަކުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ އިރު، ނިއުޒިލެންޑްގެ އެކި ސަރަހައްދުތަކުން މީހުން ވަނީ ޖަނާޒާގައި އެހީތެރިވުމަށް އަމިއްލަ އިސް ނެގުމުގައި ކްރައިސްޗާޗަށް ދަތުރުކޮށްފައެވެ. މަރާލީ މީހުންގެ އާއިލާތަކަށް އުނދަގޫ ނުވާނެ ގޮތަށް އެ ސަރަހައްދުގެ ކައުންސިލުން ވަނީ މީޑިއާތަކުން ޖަނާޒާ ބާއްވާ ސަރަހައްދުގައި އަމަލު ކުރާނެ ހަރުކަށި އުސޫލުތުތަކެއް ކަނޑައަޅައި އެއަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އާއިލާތަކާއި ހަށިގަނޑުތައް ހަވާލުކުރުމުގައި ލަސްވަމުން ދާތީ ބައެއް އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމަށް ޖަވާބުދާރީ ވަމުން ނިއުޒިލެންޑުގެ ފުލުހުން ބުނެފައިވަނީ ބުދަ ދުވަހުގެ ނިޔަލަށް ހުރިހާ ހަށިގަނޑުތަކެއް އާއިލާއާ ހަވާލު ކުރާނެ ކަމަށެވެ. ފުލުހުން ބުނީ މިހާރު މަރުވި 50 މީހުންގެ ޕޯސްޓް މޯޓަމް ހަދައި ނިމިފައިވާ ކަމަށެވެ.
ނިއުޒިލެންޑްގެ އިމިގްރޭޝަނުން ދަނީ މަރުވި މީހުންގެ ޖަނާޒާއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އުސޫލެއްގެ ދަށުން ވިސާ ދިނުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި މިހާތަނަށް 50 މީހަކު މަރުވެފައިވާ އިރު، 38 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވޭ ދެމުންނެވެ. މި ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވޭ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓަރަންޓްގެ މައްޗަށް މިހާތަނަށް އުފުލާފައި ވަނީ އެއްމެ މަރުގެ ދައުވާއެކެވެ. އޭނާއަކީ ދޮން ނަސްލުގެ ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހެކެވެ.