އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓަށް އިދާރީ އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
Rayyithunge Majileehuge Inthikhaab 2019 ge vote laa meehunge final list ah idhaaree evves shakuvaa eh oiynama, hushahelhumuge furusathu 20 March in 21 March vaa buraasfathi dhuvahuge 15:00 ge niyalah dhinumah commission in ninmaifi.
— Elections Commission (@ElectionsMv) March 19, 2019
އެ ގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ދިނުމަށް އީސީން ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 87 ދާއިރާއަކަށް 383 ކެންޑިޑޭޓުން ވާދަކުރެއެވެ. މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައި ވެއެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހަކަށް ލިބެއެވެ.
އީސީން އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު، އޮފިޝަލުން ޓްރެއިން ކުރުމުގެ މަސައްކަތް މި މަހުގެ 23 ގައި ފަށާއިރު ރާއްޖެ އާއި ރިސޯޓްތަކާއި އަދި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ 4634 އޮފިޝަލުން ތަމްރީނު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އަދި އެފަހަރުގެ އިންތިހާބުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑު ކުރަން އީސީން ވަނީ ފުލުހުންނާ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޖިލީހުގެ އިންތިހާބުގައި އީސީ އާއި ފުލުހުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ވޯޓު ފޮށިތައް އުފުލުމާއި ސަލާމަތީ ލޮޖިސްޓިކް މަސައްކަތްތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.