ރ. ދުވާފަރުގެ ރައްޔިތުންނަށް އެޖެންޑާ 19 މެދުވެރިކޮށް ގޯތި ކަމަށަވަރު ވެގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދުވާފަރުގައި މިހާރު ދިރިއުޅެމުންދަނީ ކުރިން ރ. ކަނދޮޅުދޫގައި ދިރިއުޅެމުންދިޔަ ރައްޔިތުންނެވެ. ދެހާސްހަތަރު ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ސުނާމީ އަރާ ކަނދޮޅުދޫގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް އެ ރަށް ހަލާކުވެގެންދިޔައެވެ. އެއަށްފަހު އެ ރަށު ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ވަގުތީ ހިޔާގައެވެ. އޭގެ ފަހުން ރ. ދުވާފަރު ތަރައްޤީކޮށް ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރެވިގެންދިޔައެވެ.
މި ރަށު ރައްޔިތުންގެ މިހާރު ވެސް ކުރަމުންދަނީ އެންމެ ޝަކުވާއެކެވެ. އެއީ ފަޅު ރަށެއްގެ ގޮތުގައި މިހާރު އޮތް، ކަނދޮޅުދޫގައި ރަށްވެހިކަން އޮތުމާއި ބޯހިޔާވަހިކަމުގެ ފުރުސަތު ދުވާފަރުން ލިބެންނެތުމެވެ.
ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ޖަލްސާގެ ތެރެއިން ރ. ދުވާފަރުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ އިން ފާހަގަވާ އައިޓަމަކީ ލާމަރުކަޒު ކުރުން ކަމަށެވެ. ރ. އަތޮޅަކީ ޤަދީމީ ރަށްތައް ގިނަ އަތޮޅެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ އަތޮޅަކީ މަސްވެރިކަން ޒަމާނުއްސުރެން ރަނގަޅު އަތޮޅެއް ކަމަށެވެ. ރ އަތޮޅުގެ މުއްސަނދިކަމަކީ ދުނިޔޭގެ ތާރީހުގައި ފެންނަން އޮތް ހަޤީޤަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ތަރައްޤީގެ މަސައްކަތް ހިނގާނެ ބާރުވެރިކަމާއި ފައިސާ އެޖެންޑާ19 އިން ކަށަވަރުވެގެން ދާނެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދަތުރުފަތުރުކުރުމުގެ ނިޒާމުން ރިސޯޓުތަކާއި ރަށްތައް ގުޅުވައިދެވޭނެ ކަމަށެވެ.
މިހާރު ދުވާފަރަށް ބަލާލުމުން އެންމެ އުފާވާ ކަމަކީ ރަށުގައި މީހުން އިތުރަށް އާބާދުވެ އިޤްތިސާދު ބިނާވަމުން ދިޔުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ދުވާފަރަކީ ރ. އަތޮޅުގައި އޮތް "ވަރުގަދަ ރަށެއް" ކަމަށް ނަޝީދު ވިދާޅުވިއެވެ. ރ. އަތޮޅުގެ ކައުންސިލް ދަށަށް އެ އަތޮޅުގެ ރަށްތައް ބަދަލުކުރައްވާނެ ކަމަށް ވެސް ނަަޝީދު ވިދާޅުވިއެވެ.