ކަނޑާއި އެއްގަމާއި ވައިގެ މަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރި ކުރުމާ ގުޅޭ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައި، އެ މުއާހަދާއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ތިމާވެށީގެ ދިރުންތައް ރައްކާތެރި ކުރުމާ ގުޅޭ ގޮތުން ރާއްޖެއިން ބައިވެރިވުމަށް ނިންމި މުއާހަދާއަކީ "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް" (ސީއެމްއެސް) އެވެ.
ރައްޔިތުންގެ މަޖިލީހަށް މިކަން ފޮނުވަން ރައީސް ނިންމެވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.
ސީއެމްއެސްގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތި ދީފައެވެ. އޭގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަށް ހާސިލްވުމަށް މަގުފަހިވެގެންދިޔުމާއި، ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން 2016– 2025 ގެ ދަށުން އެކުލަވާލެވިފައިވާ ބައެއް އަމާޒުތައް ހާސިލްވެގެންދިޔުން ހިމެނެއެވެ.
މީގެ އިތުރުން މި ދިރުންތައް ހިމާޔަތްކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ވެސް ގިނަގުނަ ފައިދާ ތަކެއް ކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ ސީ.އެމް.އެސްއަކީ ކަނޑާއި އެއްގަމާއި ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް 127 ގައުމަކުން ބައިވެރިވެ ޢަމަލުކުރަމުންދާ މުހިއްމު މުއާހަދާއެކެވެ. ސީ.އެމް.އެސް ގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، ވެލާކަހަނބާއި، ދޫންޏާއި، ކޯމަހާއި، ބޮޑުމަހާއި، މަޑީގެ ބާވަތްތަކެއްވެސް ހިމެނެއެވެ.