ކ. މާލެ
|
18 މާރޗް 2019 | ހޯމަ 12:03
އެސްއެމްއީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެސްއެމްއީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
އެސްއެމްއީ ބޭންކް
އެސްއެމްއީ ބޭންކް ހުޅުވައިފި
މި ބޭންކް މެދުވެރިކޮށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ދާއިރާއަކަށް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކް ހުޅުވައިފިއެވެ.

މި ބޭންކް މެދުވެރިކޮށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ދާއިރާއަކަށެވެ. އެގޮތުން ލޯނު ދޫކުރުމަށް ނިންމާފައިވަނީ ރަށު ފަތުރުގެ ލޯނާއި, ދަނޑުވެރި ނަފާ ކަމުގެ ލޯނާއި, ހަރުމުދާ ލޯނާއި, ވިޔަފާރީގެ ލޯނެވެ. ރަށު ފަތުރުގެ ލޯނަށް 200,000 ރުފިޔާ އިން ފެށިގެން 5,000,000 ރުފިޔާ އާއި ހަމައަށް ލޯނު ލިބޭއިރު ދަނޑުވެރި ނަފާ ލޯނަށް ރަހުނަކާއި ނުލާ 75،000 ރުފިޔާ އަދި އަމިއްލަ ފަރުދުންނަށް ގިނަވެގެން 500،000 ރުފިޔާގެ ލިބޭނެއެވެ. މީގެ އިތުރުން ވިޔަފާރީ އެހީ ލޯނަށް 500،000 ރުފިޔާއާއި ހަމައަށް ލޯނު ދޫކުރެވޭއިރު ހަރުމުދާ ލޯނުގެ ގޮތުގައި 100,000 ރުފިޔާ އާއި 3,000,000 ރުފިޔާ ދެމެދުގެ އަދަދެއް ލިބޭނެެއެވެ.

ރަށު ފަތުރު ލޯނާއި ހަރުމުދާ ލޯނާއި ދަނޑުވެރި ނަފާ ލޯނުގައި އިންޓްރަސްޓްގެ ގޮތުގައި އަހަރަކު ނަގާނީ 6 ޕަސަންޓެވެ. ވިޔަފާރީ އެހީގެ ލޯނުގެ ގޮތުގައި އަހަރަކު ނަގަނީ އިންޓްރަސްޓަށް 9.5 ޕަސަންޓެވެ. މި ލޯނުތަކާއި ބެހޭ ތަފްސީލް އެސްޑީއެފްސީގެ ވެބްސައިޓް ލިބޭނެއެވެ.

އެސްއެމްއީ ބޭންކްގެ ހިދުމަތްތައް ދޭނީ ނިންމާފައިވަނީ ހ. ސަކީނާމަންޒިލްގެ 3 ވަނަ ފަންގިފިލާއިންނެވެ.

ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް، ފައިނޭންސިން ބިޒްނަސް ލައިސަންސް، އެމްއެމްއޭ އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ދީފައެވެ. އެމްއެމްއޭ އިން ބުނީ، އެ ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާއިރު މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކައުންސިލްތަކުގެ ފަސް އިންސައްތަ ހިއްސާ ހިމެނޭ ކަމަށެވެ.

އެސްޑީއެފްސީ އަކީ މި ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ހަމަޖައްސައި ދިނުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއި ގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެއެވެ.

- ކޮމެންޓް