ނިއުޒިލޭންޑްގެ ކްރައިސްޓްްޗަރޗްގެ ދެ މި ސްކިތަކަށް ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާތަކާ ގުޅިިގެން ދައުވާ އުފުލުނު މީހާ އެ ހަމަލާ ދިނުމުގައި އުޅެފައިވަނީ އެކަނި ކަމަށް ފުލުހުން ބުނެފިއެވެ.
ދޮން ނަސްލުގެ މީހުން އިސްވާނެ ކަމަށް ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ބުނާ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ބްރެންޓަން ޓެރަންޓް 28، ވަނީ ހަމަލާދެމުން ފޭސްބުކް އިން ލައިވްސްޓްރީމްކޮށްފައެެވެ.
ފުލުހުންގެ ތަރުޖަމާނު މަައިކް ބުޝް ވިދާޅުވީ ހަމަލާ އަށް ފަހު ހައްޔަރު ކުރެވުނު އަނެެއް ތިން މީހުންގެ ބައިވެރިވުމެއް މިކަމުގައި އޮތް ކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް އަދި އެކަން މުޅިން ނުނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަންސާސް މީހުން މަރުވެ އެތައް ބަޔަކު ޒަޚްމވި މި ހަމަލާއަކީ ނިއުޒީލޭންޑްގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހަކު އަދިވެސް އޮތީ ސީރިއަސް ހާލަތެއްގައެވެެ.
ކޮމިޝަނަރ ބުޝް ވިދާޅުވީ ކަމާ ބެހޭ އިދާތާރާތަކުން މަސައްކަތްކުރަމުންދަނީ ވީހާ ވެސް އަވަހަކަށް އަލް ނޫރް އާއި ލިންވުޑް މިސްކިިތުގައި ދިން ހަމަލާގައި މަރުވި މީހުންގެ ވަނަވަރު އެއްކޮށް ނިންމޭތޯ ކަމަށެވެ.
ހާދިސާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހާ ކޯޓަށް ހާޒިރުކޮށް މީހަކު މެރިކަމުގެ ދައުވާ ވަނީ އުފުލާފައެވެ.
އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ބްރެންޓަން ޓެރަންޓް ކޯޓަށް ހާޒިރުކޮށްފައި ވަނީ ޖަލުގެ ހުދު ހެދުމުގައި އަތުގައި ބިޑިއަޅުވައިގެންނެވެ. އޭނާގެ ސޫރަ ހާމަކުރުން ވަނީ މަނާކޮށްފައެވެ.
އޭނާގެ މައްޗަށް އުފުލިފައި އޮތީ މީހަކު މަރާލި ކަމުގެ ދައުވާ ނަމަވެސް އިތުރު ދައުވާތައް އުފުލާނެ ކަމަށް ބެލެވެއެވެ.