ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 08:34
ޕެރިސް ޖެކްޝަން
ޕެރިސް ޖެކްޝަން
ގޫގުލް
ޕެރިސް ޖެކްޝަން
އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ދެކެވޭ ވާހަކަ ޕެރިސް ދޮގުކޮށްފި
މަރުވާން އުޅުނުކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޓީއެމްޒެޑް އިން

ކުރީގެ މަޝްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ މައިކަލް ޖެކްޝަންގެ އަންހެން ދަރިފުޅު ޕެރިސް މައިކަލް ކެތްރިން ޖެކްޝަން (ޕެރިސް ޖެކްޝަން) އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ޓީއެމްޒެޑް ނޫސް ވެބްސައިޓް އިން ހޮނިހިރު ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަތުގައި ވަޅިއަޅައިގެން މަރުވާން އުޅުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފަރުވާ ދީފައިވެއެވެ. އެ ޚަބަރު ލިޔެފައިވަނީ ފުލުހުންނާ ހަވާލާދީއެވެ. 

 ޕެރިސް ކުރި ޓްވީޓެއްގައި އޭނާ ވަނީ ނޫސްތަކުގައި ދެކެވޭ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ޓްވީޓްގައި އިތުރު ތަފްސީލެއް ބަޔާންކޮށްފައެއް ނުވެއެވެ.

މައިކަލްގެ ދެވަނަ ދަރިފުޅު ޕެރިސް އަމިއްލަ އަށް މަރުވާން އުޅުނީ، އޭނާގެ ބައްޕަ ކުޑަކުދިންތަކަކަށް މީގެ އެތަކެއް އަހަރު ކުރިން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ޑޮކިއުމެންޓްރީ ފިލްމެއް ރިލީސްކުރުމުން ކަމަށް އޭނާގެ އާއިލާ މީހުންނާ ހަވާލާދީ ޓީއެމްޒެޑް އިން ރިޕޯޓްކުރެއެވެ.

ވާޑް ރޮބްސަން އާއި ޖޭމްސް ސޭފްހަކް ހަދާފައިވާ ''ލީވިން ނެވާލޭންޑް'' ފިލްމް ރިލީޒްކޮށްފައި ވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުން މައިކަލް ވަނީ އެ ދެ މީހުން ކުޑައިރު ޖިންސީ ގޯނާތަކެއް ކޮށްފައެެވެ.

އެ ފިލްމަށް ފަހު ޖެކްޝަންގެ އާއިލާ އަށް ފާޑުކިޔުންތަކެއް އަމާޒުވެ ޓީވީތަކުން ދައްކަމުން  ދިޔަ މައިކަލްގެ ލަވަތައް ވެސް ވަނީ މަދުވެފައެވެ. ބައެއް ޗެނެލްތަކުން ވަނީ އޭނާގެ ލަވަތައް ދެއްކުން ހުއްޓާލާފައެވެ.

މީގެ 10 އަހަރު ކުރިން ވެސް މައިކަލް މަރުވުމާ ގުޅިގެން ޕެރިސް އަށް ވަނީ ޑިޕްރެޝަންގެ މައްސަލަަތަކެއް ދިމާވެފައެވެ. އަދި 2013 ވަނަ އަހަރު ވެސް އަމިއްލައަށް މަރުވާން އުޅެފައި ވެއެވެ. 

ޕެރިސް ވަނީ ފިލްމް ސީރީސްގެ އިތުުރުން ލަވަތައް ވެސް ކުޅެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް