އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ ގޮތުގައި ހިމެނޭ އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން، ޕާކިސްތާނުގެ ޖައޭޝް-އީ މުހައްމަދު ޖަމާއަތުގެ ލީޑަރު މުހައްމަދު އަޒްހަރަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިދޭން ޕާކިސްތާނުގެ ''ގާތް ރަހްމަތްތެރި'' ޗައިނާއާ ވާހަކަ ދައްކަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަޒްހަރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި ދިނުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ހުޅަނގު ގައުމުތަކުން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ޗައިނާ އިން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. ވޭތުވެދިޔަ ހަފްތާގެ ބުދަ ދުވަހު ކައުންސިލަށް އެކަން ހުށައެޅުމުން ޗައިނާ އިން ވަނީ ހަތަރު ވަނަ ފަހަރަށް އެކަމަށް ހުރަސްއަޅާފައެވެ. ސަލާމަތީ ކައުންސިލް އިން އެއްވެސް ގަރާރެއް ފާސްވާނީ ހުރިހާ މެމްބަރުން އެއަށް ތާއިދު ކޮށްގެންނެވެ. ކައުންސިލްގައި ފަސް ގައުމު ހިމެނޭއިރު، އެކަމަށް ހަމައެކަނި ދެބަސްވާ ގައުމަކީ ޗައިނާއެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާއިން އިސްނަގައިގެން ފްރާންސާއި، އިނގިރޭސިވިލާތާ ގުޅިގެން އަޒްހަރަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިދޭން ޗައިނާއާ އެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ. އެއީ ކާމިޔާބު މަޝްވަރާތަކަށް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ގައުމުތަކުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ވާހަކަ ދައްކައިގެން އެއްބަސްވަމަށް ނާދެއްވިއްޖެ ނަމަ އދ. ގެ އެންމެ މަތީ ގޮތްޕަށް އެ މައްސަލަ ހުށައަޅާނެއެވެ.
ޗައިނާ އިން އެކަމަށް ހުރަސް އަޅަމުންދާތީ އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސެކިއުރިޓީ ކައުންސިލްގެ ބައެއް މެމްބަރު ގައުމަތަކުން ވަނީ ޗައިނާ އިން ޓެރަރިސްޓުންނަށް ހިމާޔަތް ދެމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.