އިންޑިޔާގެ ދެވަނަ އެއްމެ މުއްސަންދި މީހާ ކަމުގައިވާ އާޒިމް ޕްރޭމްޖީ އޭނާގެ މިލްކިއްޔާތުން 7.5 ބިލިއަން ޑޮލަރު ދަރުމައަށް ހަދިޔާކޮށްފިއެވެ.
ޓެކްނޮލޮޖީ ކުންފުނި ވިޕްރޯގެ ޗެއަރމަން ކަން ކުރައްވާ ޕްރޭމްޖީ އެކި އަހަރު މަތިން ދަރުމައަށް ހަދިޔާކޮށްފައިވާ އަދަދު ވަނީ 21 ބިލިއަން ޑޮލަރަށް އަރާފައެެވެ. އޭނާ އެ ފައިސާ ހަދިޔާކުރީ އޭނާ އިސްވެ އުފައްދާފައިވާ އާޒިމް ޕްރޭމްޖީ ފައުންޑޭޝަނަށެވެ. އޭނާގެ މިލްކިއްޔާތުގައި ޖުމްލަ 18 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްއާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޕްރޭމްޖީއަކީ އެމެރިކާގެ ބިލިއަނަރު ވޮރެން ބަފެޓް އާއި ބިލް ގޭޓްސް އިސްވެ އުފައްދާފައިވާ "ގިވިން ޕްލެޖް" ގައި ސޮއިކުރެއްވި އިންޑިއާގެ ފުރަތަމަ ބިލިއަނަރެވެ. ގިވިން ޕްލެޖްއަކީ މުއްސަންދިންގެ މިލްކިއްޔާތުގެ ބައެއް ދަރުމައަށް ހަދިޔާކުރަން ނިންމާ ވެވޭ އެއްބަސްވުމެކެވެ.
ޕްރޭމްޖީގެ ހަދިޔާއަކީ މިހާތަނަށް އިންޑިއާގައި ދަރުމައަށް އެކަކު ހަދިޔާ ކުރި އެއްމެ ބޮޑު ފައިސާގެ އަދަދެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާ މީހުން ހަދިޔާކުރި ފައިސާގެ 80 އިންސައްތައަކީ އޭނާ ހަދިޔާކުރި ފައިސާ ކަމަށް ވެސް އިންޑިއާގެ ދަސްރާ ފަންޑުގެ ރިޕޯޓަކުން ވަނީ ހާމަކޮށްފައެވެ. އިންޑިއާގައި އަމިއްލަ ފަރާތްތަކުން އަހަރަކު 6.2 ބިލިއަން ޑޮލަރު ދަރުމައަށް ހަދިޔާ ކުރާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެެވެ.
ޕްރޭމްޖީގެ ފައުންޑޭޝަނަކީ ތައުލީމަށް އިސްކަންދީގެން އުފައްދާފައިވާ ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަނުން މިހާރު ވެސް އާޒިމް ޕްރޭމްޖީ ޔުނިވާސިޓީ ހިންގަމުން ދާއިރު، އަލަށް ލިބުނު ފައިސާއިން އިތުރު ޔުނިވާސިޓީއެއް ހެދޭ ވަރު ވާނެ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތްތަށް ވަރަށް ބޮޑުތަން ފުޅާވެގެން ދާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ މައުލޫމާތު ދީފައެވެ.
ޕްރޭމްޖީގެ ކުންފުނި ވިޕްރޯއަކީ 1945 އަހަރު އޭނާގެ ބައްފަ އުފެއްދި ކައްކާ ތެޔޮ އުފައްދާ ކުންފުންޏެކެވެ. ނަމަވެސް އޭނާ އެ ކުންފުންޏާ ހަވާލުވުމަށް ފަހު އޭނާ ވަނީ ވިޕްރޯ ކާމިޔާބުކަމާ އެކު ޓެކްނޮލޮޖީ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. ވިޕްރޯއަކީ މިހާރު ޓެކްނޮލޮޖީގެ އިތުރުން އެއިރޯސްޕޭސްގެ ދާއިރާ އާއި ރީޓެއިލް ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.