ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ހިފާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު ހޯދުމަށެވެ. މުޅި ރާއްޖޭގެ އުތުރާ ދެކުނަށް ފެންނަން އޮތީ އެމަންޒަރެވެ. އެ އަޑެވެ.
އެޖްންޑާ19 ގެ ނަމުގައި އެމްޑީޕީއިން ބުނަނީ އިންސާފު ގާއިމް ކޮށްދޭންވާނެ ކަމަށެވެ. އެޖެންޑާ 19 ގައި ބުނަނީ އޯގާތެރި ސަރުކާރެއް ދަމަހައްޓަން ކުރަން ޖެހޭ ކަންތައްތަކެކެވެ. އެޖެންޑާ19 ގައި ބުނަނީ ނޫ އިގްތިސާދުގެ ވާހައެކެވެ. ފެނާ ކަރަންޓު އަގުހެޔޮކުރާނެ ވާހަކައެވެ. އެޖެންޑާ 19 ބުނަނީ ފަހުރުވެރި އާއިލާގެ ވާހަކައެވެ. މިހެން ގޮސް އެތައް ކަމެކެވެ.
މިވަގުތު އޮތް ވެރިކަމަކީ ކޯލިޝަނެއްގެ ވެރިކަމަކަށް ވިޔަސްހެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބި މި ގައުމުގައި ވެރިޔަކު ވެރިކަން ކުރަން ފަސޭހަ ނޫން ކަމަށް ބުނާ ސިޔާސީ ވެރިން މަދެއް ނޫނެވެ. އަދި ވެރިކަމަށް އަންނަންވާ ވައުދުތައް މުޅި މަޖިލީހުގެ މެޖޯރިޓީއާ ނުގުޅުނަސް ސަރުކާރު ހިންގާ މީހުން މެޖޯރިޓީ ބޭނުންނުވާ އިރެއް ނާދެއެވެ. މިފަހަރު މި ސަބަބުތަކަށްޓަކައި އެމްޑީޕީއިން ނިކުމެ ބުނެފައި އެ ވަނީ އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށެވެ.
ދެހާސްނުވަ ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުނު އިރު ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ މުހައްމަދު ނަޝީދެވެ. ގުޅިގެން އިއްތިހާދުވެގެން 2008 ވަނަ އެމްޑީޕީން ވެރިކަމަށް އާދެވުނަސް ޖެހިގެން އައި އަހަރު މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި ދިޔުމުން ސަރުކާރު މުޅިން ހުއްޓުމަކަށް ގެނައެވެ. ކަންކަން އެކޮޅުކޮޅުން ޖެހިގެން ދިޔައެވެ.
ސިޔާސީ ލީޑަރުންނަކީ ފާޑެއްގެ ބަޔެކެވެ. އެއް ދުވަހު އެކީގައި ތިބެފައި ޖެހިގެން އަންނަ ދުވަހު ވަކިވެގެން ގޮސްފާނެއެވެ. ކޯލިޝަނެއްގެ ދަށުން ކިތަންމެ އެއްބަސްވުމެއް ހެދިޔަސް ބާރުތަކާ، މަގާމާ ޖެހުމުން ގޯސްވަނީ ވެރިކަން ކުރާ މީހާ ކަމެއް ނުވަތަ ކޯލިޝަނުގެ އެހެން ބައިވެރިން ކަމެއް ސާފެއް ނުވެއެވެ. ހަދައިފައި އޮންނަ އެއްބަސްވުމާ، ސިޔާސީ ބޭފުޅުންގެ ބަސްމަގު މަޖިލީހުގެ އިންތިހާބާ ހަމައިން ބަދަލުވިޔަސް ނުވިޔަސް އެ ވަގުތަކު ވެރިކަން ކުރާ ބަޔަކަށް މަޖިލިސް މެޖޯރިޓީ ހޯދަން މަސައްކަތް ކުރާނެއެވެ. އެއީ މާޒީގެ ތަޖުރިބާއަށް ބަލައިގެން ކުރާ ކަމެއް ކަމުގައި ގަބޫލުކުރާ މީހުން ގިނައެވެ.