ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 16:58
އެމެރިކާއިން ސީރިއާއާއި ގުޅޭ ކަންކަމަށް ކަނޑައަޅާފައިވާ ޚާއްސަ މުޝީރު، ޖޭމްސް ޖެފްރީ
އެމެރިކާއިން ސީރިއާއާއި ގުޅޭ ކަންކަމަށް ކަނޑައަޅާފައިވާ ޚާއްސަ މުޝީރު، ޖޭމްސް ޖެފްރީ
އޭއެފްޕީ
ސީރިއާގެ ހަނގުރާމަ
ސީރިއާއިން އެމެރިކާ ސިފައިން ފޭބުމަށް ތާވަލެއް ނެތް: އެމެރިކާގެ ޚާއްސަ މުޝީރު
ސިފައިން ފޭބި ނަމަވެސް ދެ ސަރަޙައްދެއްގައި އެމެރިކާ ސިފައިން ޤާއިމްވެ ތިބޭނެ

އައިސިސްގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތް، ދައީޝްގެ ބާރު ސީރިއާއިން ވަރަށް ބޮޑަށް ކަނޑުވާލެވިފައިވާ ކަމަށާއި، ނަމަވެސް ސީރިއާއިން އެމެރިކާ ސިފައިން އެއްކޮށް ފޭބުމަށް މިހާތަނަށް ތާވަލެއް އެކުލަވާލެވިފައި ނުވާ ކަމަށް އެމެރިކާއިން ސީރިއާއާއި ގުޅޭ ކަންކަމަށް ކަނޑައަޅާފައިވާ ޚާއްސަ މުޝީރު، ޖޭމްސް ޖެފްރީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މީޑިއާގައި ވާހަކަ ދައްކަވަމުން ޖެފްރީ ވިދާޅުވީ، ސީރިއާގައި މިހާރު ހަނގުރާމަ ކުރަމުން ދަނީ އައިސިސް ޖަމާއަތުގެ ދެތިންސަތޭކަ ހަނގުރާމަވެރިން ކަމަށާއި، އެ ޖަމާއަތުގެ ބާރުގެ ދަށުގައި މިހާރު އޮތީ އަކަ ކިލޯމީޓަރަކަށްވުރެ ވެސް ކުޑަ ސަރަޙައްދެއް ކަމަށެވެ. ކަންމިހެން އޮތް ނަމަވެސް، ސީރިއާ އާއި އިރާޤުގެ އެކި ސަރަޙައްދުތަކުގައި ވިއްސި ވިހާލިވެފައި އެ ޖަމާޢަތަށް ތާއީދު ކުރާ ފަނަރަ ހާހާއި ވިހި ހާހާ ދެމެދުގެ އަދަކަށް ހަތިޔާރުއެޅި ހަނގުރާމަވެރިން ތިބި ކަމަށް ލަފާކުރެވޭކަން ވެސް ޖެފްރީ ފާހަގަކުރެއްވިއެވެ.

ޖެފްރީ ވިދާޅުވީ، ފުރާތު ކޯރުގެ އައްސޭރީގައިވާ ސަރަޙައްދުތަކުގައި އައިސިސްއިން އުފައްދާފައިވާ 'ޚިލާފަތާއި' ދެކޮޅަށް ކުރަމުންދާ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ހަމައަށް ގޮސްފައި ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ މައިގަނޑު މަސައްކަތަކީ އައިސިސްއިން ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަން ކުރުން ކަމަށެވެ. އަދި މިއާއިއެކު އައިސިސް ޖަމާއަތާއި ގުޅިފައިވާ އެކިއެކި ޤައުމުތަކުގެ ހަނގުރާމަވެރިން އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ގެންގޮސް، އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް، ނުވަތަ ހަރުކަށި ފިކުރާއި ދުރުކުރުމަށް އަލުން ތަރުބިއްޔަތު ކުރުމަށް ޤައުމުތަކުގެ ކިބައިން އެދެމުންދާ ކަމަށް ވެސް ޖެފްރީ ވިދާޅުވިއެވެ.

ޖެފްރީ ވިދާޅުވީ އައިސިސްގެ ފިކުރު ފޮހެލުމަށް ކުރާ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ސީރިއާއިން އެމެރިކާ ސިފައިން އެއްކޮށް ފޭބުމަށް މިހާތަނަށް ތާވަލެއް އެކުލަވާލެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ތާވަލެއް ނެތް ނަމަވެސް، ސީރިއާގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން ގިނަ ބަޔަކު އަނބުރާ އެމެރިކާއަށް ގެންދާނެ ކަމަށާއި، ސީރިއާގައި މަޑުކުރާ އެމެރިކާ ސިފައިން ތިބޭނީ ސީރިއާގެ އިރުއުތުރުގައިވާ ސަރަޙައްދުތަކުގައި ކަމަށެވެ. އަދި އެ ސިފައިން ކުރާނެ މައިގަނޑު މަސައްކަތަކީ އަލުން އެ ސަރަޙައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުނަ ނުދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިރާޤާއި ސީރިއާ އަދި އުރުދުން ގުޅޭ ހިސާބުގައިވާ އަލް-ތަންފްގައި އެމެރިކާ ސިފައިން ތިބޭނެ ކަމަށާއި، އެ ސަރަޙައްދުގައި ކުރާނެ މައިގަނޑު މަސައްކަތަކީ އައިސިސްއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ސީރިއާ އާއި އިރާގު އަދި އުރުދުންގެ ސިފައިން ތައްޔާރުކުރުން ކަމަށް ޖެފްރީ ވިދާޅުވިއެވެ.

ޖެފްރީ ވިދާޅުވީ، ސީރިއާގައި އެމެރިކާއިން ހަރަކާތްތެރިވާ މިންވަރު މަދު ކުރުމާއިއެކު އެޤައުމުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް އެމެރިކާއިން ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ. 2018 ވަނަ އަހަރު އެކަނިވެސް އެމެރިކާއިން ސީރިއާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް 2 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. މިއީ 2018 ވަނަ އަހަރު އެމެރިކާގެ އަސްކަރިއްޔާއަށް ކަނޑައެޅި 700 ބިލިއަން އެމެރިކާ ޑޮލަރުގެ 0.29 އިންސައްތައެވެ.

- ކޮމެންޓް