ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 16:53
ހަމާސްގެ ސަލާމަތީ ގާޑަކު ގައްޒާގެ މަގުމަތީގައި
ހަމާސްގެ ސަލާމަތީ ގާޑަކު ގައްޒާގެ މަގުމަތީގައި
އޭއެފްޕީ
ފަލަސްޠީނު
ޓެކުހަށް ގެނައި ބަދަލާއި ދެކޮޅަށް ފަލަސްޠީނު ރައްޔިތުން މުޒާހަރާގައި
ހަމާސްގެ ސަލާމަތީ ބާރުތަކުން ވަނީ އެތައް ބަޔަކު ހައްޔަރުކޮށްފަ

ފަލަސްޠީނުގެ ގައްޒާގެ ސަރުކާރު ހިންގާ ހަމާސް ޖަމާއަތުން ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް އިތުރުކުރުމަށް ނިންމުމާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު މުޒާހަރާއަށް ނުކުމެއްޖެއެވެ.

އިސްރާއީލުން ހިޞާރުކޮށްފައިވާ ގައްޒާގައި ދިރިއުޅުން ދަތި ކަމަކަށް ވެފައިވާއިރު، ގައްޒާގެ ރައްޔިތުންގެ އަތުން ނަގަމުންދާ އެކި ޓެކްސްތަކުގެ އިންސައްތަ އިތުރުކުރުމަށް ހަމާސްއިން ނިންމި ނިންމުމާއި ގުޅޭގޮތުން އެ ޖަމާއަތުން މިހާތަނަށް އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ގައްޒާގެ މެދުތެރޭގައިވާ ދީރް އަލް ބަލާޙް އަވަށުގައި މުޒާހަރާ ކުރަމުންދާއިރު، މި މުޒާހަރާތައް ރޫޅާލުމަށް ހަމާސްގެ ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން މުޒާހަރާތައް ރޫޅާލުމަށް މުޒާހިރީންނަށް އަނިޔާކޮށް، އެކްޓިވިސްޓުންނާއި ނޫސްވެރިން ވެސް ހިމެނޭގޮތަށް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ހަމާސްއިން 2007 ވަނަ އަހަރު ގައްޒާގެ ކޮންޓްރޯލް ހޯދީއްސުރެ އިސްރާއީލާއި މިޞްރުން ގައްޒާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ވޭތުވެދިޔަ 12 އަހަރު ހިނގާދިޔަ 3 ހަނގުރާމައިގެ ސަބަބުން ގައްޒާގެ އިޤުތިޞާދު ވަނީ އެއްކޮށް އަޑިއަޅާލާފައެވެ.

ސަރުކާރު ހިންގުމުގައި ހުރި އުނި ކަންކަމާއި، ކޮރަޕްޝަނާއި، އެކި ފަހަރުމަތިން ޓެކްސްގެ އިންސައްތަ އިތުރުކުރުމާއި ގުޅިގެން ގައްޒާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ދަތިކަން ވަނީ އިތުރަށް ގޯސްވެފައެވެ.

- ކޮމެންޓް