ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އެފް އޯ ބީ އަގު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވެއްޖެއެވެ.
ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެ އިން 228 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހު މި އަދަދު ވަނީ 264 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓްކޮށްފައި ވަނީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 10 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 228 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރު އިމްޕޯޓްކޮށްފައި ވަނީ 264 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް 254 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު މި އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 240 މިލިއަން ރުފިޔާއެވެ. މިއީ 5 އިންސައްތަ ދަށް އަދަދެކެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 އިންސައްތަ ޔޫ.އޭއީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 17 އިންސައްތަ އަދި ޗައިނާ އިން 15 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެ އިތުރުން އިންޑިއާ އިން 10 އިންސައްތަ އަދި މެލޭޝިއާ އިން ހައެއް އިންސައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ފަސް ޤައުމަކަށެވެ. އެއީ ތައިލެންޑަށް 45 އިންސައްތަ ޖަރުމަންވިލާތަށް 11 އިންސައްތަ އަދި ފަރަންސޭސިވިލާތަށް އަށެއް އިންސައްތަ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތަށް ހައެއް އިންސައްތަ އެމެރިކާއަށް ފަހެއް އިންސައްތަ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.