ޔޮޓެއްގައި ދަތުރުކުރި ޖަރުމަނުގެ އާރނަ މާރކް ކަނޑުވެ އޭނާގެ ފުރާނަ ސަލާމްތްވުމުގެ އެންމެ ބޮޑު އެހީކަށް އޭނާ ލައިގެން ހުރި ޖިންސު ވެއްޖެއެވެ.
އުމުރުން 30 އަހަރުގެ އާރނަ މާރކް އޭނާގެ ބޭބެ އާއިއެކު ޔޮޓް ދުއްވަން ގޮސް އުޅެނިކޮށް ނިއުޒިލެންޑްގެ އުތުރު ރަށްބޭރަށް ކަނޑަށް ޔޮޓް ބަނޑުން ޖަހާލުމުން އޭނާ ސަލާމަތް ކުރުމަށް އޭނާގެ ބޭބެ އެއްލި ލައިފް ޖެކެޓް ވަނީ އަތުނުޖެހި މާދުރަށް ގޮސްފައެވެ.
" ނަސީބަކުން އަހަރެންނަށް އިނގޭ ޖިންސުން ހެދޭނެ ޓްރިކެއް. ޖިންސު ނެތްނަމަ އަހަރެން މިއަދު މި ދުނިޔޭގަ ނުހުންނާނެ" ނިއުޒިލެންޑްގެ ހެރަލްޑް ނޫހަށް މާރކް ބުނެފައިވެއެވެ.
މާރކް ބުނެފައިވަނީ އޭނާގެ ފުރާނަ ސަލާމަތްވުމުގައި ޖިންސްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
މާރކް ވަނީ އޭނާގެ ޖިންސްގެ ދެފައިކުރީގައި ގޮށްޖަހައި ލޮނުގަނޑުގެ ތެރެއަށް ޖީންސް ދަމައި އޭނާގެ ޖީންސްގެ ދެ ފައިކުރިއަށް ވައިއެޅޭނެ ގޮތް ހަދާފައެވެ. އޭނާ ޖީންސް ބޭނުންކުރީ ލައިފްވެސްޓެއްގެ ގޮތުގައެވެ.
އެމީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމު ހެލިކޮޕްޓަރުގައި އެމީހުނާ ހަމައަށް ދިއުމަށް ތިން ގަޑިއިރާ ބައި ހޭދަވެފައިވާއިރު އެ ހުރިހާ ވަގުތު ފެންމަތީ އޮތުމަށް މާރކްއާއި އޭނާގެ ބޭބެ ބޭނުން ކުރީ އެ ޖީންސެވެ.
ފެންމަތީގައި އެމީހުން ފްލޯޓް ކުރާ ވީޑިއޯ ވަނީ އިންޓަނެޓްގަ ވައިރަލް ވެފައެވެ.
ނިއުޒީލެންޑްގެ ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ސީނިއަރ ސަރޗް އެންޑް ރެސްކިއު ކޯޑިނޭޓަރ ކްރިސް ހެންޝޯ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޔޮޓުގައި ވީއެޗްއެފް މެރިން ސެޓާއި އިމަރޖެންސީ ބެކޮންސް ހުރި ކަމަށެވެ.