މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކުރަން ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.
ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ފަހު ނިންމުން ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އާންމު ކޮމެޓީން ފާސްކޮށްފައި ވާތީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގައި އެއިސްލާހު ފާސްކުރަން ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާންމު ކޮމެޓީއަށް ހުށަހަޅުއްވައި، އެ ކޮމެޓީން ބުދަ ދުވަހު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމުން، އޭނާގެ މަގާމު އެ ހިނދުން ފެށިގެން ގެއްލުނީ ކަމަށެވެ.
މަޖިލީހުގެ ގަވާއިދަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅު ހެއްދެވީ އެމްޑީޕީގެ ތިން މެމްބަރުންނެވެ.
މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާނީ، މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްކުރުމުންނެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް، މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅުމަށް ކޮމެޓީން ފާސްކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޕީޕީއެމްގެ 14 މެމްބަރަކު ސޮއިކޮށް، މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް އިއްވުމަށްފަހު، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް އެ މައްސަލަ ފޮނުވަންވާނެ ކަމަށެވެ. އެ ކޮމެޓީ އެކުލަވާލަންޖެހޭނީ ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެމްބަރަކާއި އަމިއްލަ އެއް މެމްބަރެއްގެ މައްޗަށް ކަމަށެވެ. ކޮމެޓީއަށް އެ މައްސަލައެއް ފޮނުވަންވާނީ ބަހުސް ކުރުމާ ނުލައި ކަމަށް އިސްލާހުގައިވެއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އިއްވުމަށް ފަހު، ހަމަ އެ ދުވަހު އެ މައްސަލައިގެ ނޯޓިސް ވަޒީރަށް ފޮނުވަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ މައްސަލައިގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށަން ވަނީ 14 ދުވަހުގެ މުއްދަތެއް ގުނުމަށްފަހުގައި ކަމަށް އިސްލާހުގައިވެއެވެ.