މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ސިފްކޯ ހިޔާ ފުލެޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާ ލައްވައިފިއެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް "ސިފްކޯ ހިޔާ" ފުލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ ހުޅުމާލޭ ސިފްކޯ ހިޔާ ފުލެޓް ސައިޓަށް ބުރާސްފަތި ދުވަހު ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަތީފް ކަމަށެވެ.
ސިފްކޯ ހިޔާ 330 ފުލެޓް އިމާރާތުގެ އަމަލީ މަސައްކަތް ދިގު މުއްދަތަކަށް ހުއްޓިފައި ވަނިކޮށް، އެޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަލުން ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ޚާއްސަ އިސްކަމެއް ދެއްވައިގެންނެވެ.
އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދިފާއީ ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޚާއްސަ އިސްކަމެއް ދެއްވައިގެން، އެމަސައްކަތް ވަރަށް ގާތުން ކުރިއަށްދާގޮތް ބައްލަވަމުން ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިނިސްޓަރު މާރިޔާގެ މިޒިޔާރަތުގައި، ސިފްކޯހިޔާ ފުލެޓްގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން އެ މަޝްރޫއު ކުރިއަށްގެންދަވާ ކޮންޓްރެކްޓަރު، އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑާއި އެޕްރޮޖެކްޓްގެ އިންޖިނިއަރުންގެ ފަރާތުން ވަނީ މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި ފުލެޓްގައި ތައްޔާރު ކޮށްފައިވާ "މޮކްއަޕް އެޕާޓްމަންޓް" ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްލަވާލައްވާފައެވެ.
ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯހިޔާ ފްލެޓް ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފުލެޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުއެވެ.