އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެގި ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު މަބްރޫކްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިޝާރާތް އެ ކުރައްވަނީ ބޮޑު ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރެއިން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާ އިރު، މަޖިލިހަކީ މުހިންމު ދައުރެއް އަދާކުރަން ޖެހޭ ބައެއް ކަމަށާއި އެގޮތުން ބައެއް އުސޫލުތައް ގާއިމު ކުރުމަށްޓަކައި ހޯދަން ޖެހޭ ގާނޫނީ ބާރުވެރިކަން މަޖިލިސް މެދުވެރިކޮށް ހޯދަން ޖެހޭ ކަމަށެވެ.
"މިކަން ކުރެވޭނީ އަޅުގަނޑުމެން ވީ ވައުދުތައް ގަބޫލުކޮށް، މިއަށް ތާއީދު ކުރާ ބަޔަކު މަޖިލީހުގައި ތިބެގެން،" މަބްރޫކަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ރައީސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ އެކައުންޓަށް އެސްއޯއެފުން 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމު ކުރި ރިޕޯޓުގައި ވަނީ ހާމަކޮށްފަ އެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުންނަކަށް. މަބްރޫކް އެ އިންނެވީ ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާންގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު އިނާން ހުސެއިނަށް 150،000 ޑޮލަރު (2،313،000 ރުފިޔާ) ދޫކޮށްފައިވެ އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ހިއްސާ އޮންނަ ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑަށް 1،519،000 ޑޮލަރު ދޫކޮށްފައިވާ ކަމަށް ތަހުގީގު ރިޕޯޓުގައިވެ އެވެ.
ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ކުރީގެ އަނބިކަނބަލުން ސާދާ އިބްރާހީމަށް 100،000 ޑޮލަރު (1،542،000 ރުފިޔާ) އެސްއޯއެފް އިން ދޫކޮށްފައިވެ އެވެ.
އެސްއޯއެފުން 155 މީހަކާ އެކު ކުރި ޑޮލަރުގެ މުއާމަލާތްތައް ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، އެ މައްސަލަ އަދި ނިމުމަކާ ހަމައަށް ނާދެ އެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި މަހްލޫފް ހިމެނޭ ގޮތަށް ސަރުކާރުގެ ބައެއް ބޭފުޅުން ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ.