އެމެރިކާގެ ބޮއިންގ ކުންފުނިން އުފައްދާފައި ހުރި ހުރިހާ 737 މެކްސް 8 މަރުކާގެ ފްލައިޓްތައް ގްރައުންޑް ކުރަން އެ ކުންފުނިން ނިންމައިފިއެވެ.
ބޮއިންގ ކުންފުނިން އުފައްދާފައިވާ 737 މަރުކާގެ 371 ފްލައިޓް ގްރައުންޑް ކުރަން ނިންމީ، މި ހަފުތާގެ ތެރޭގައި ވެއްޓުނު އިތިއޯޕިއަން އެއަރލައިންސްގެ މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ފޯރުކޮށްދީފައިވާ އާ މައުލޫމާތުގެ އަލީގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ވެއްޓުނު އިތިއޯޕިއަން އެެއަރލައިންސް ފްލައިޓުން ދަތުރުކުރި 157 މީހުން ވެސް ވަނީ މަރުވެފައެވެ.
ވެއްޓުނު ފްލައިޓުގެ ބްލެކް ބޮކްސް ފެނިފައިވާ އިރު، އެ ތަކެތި އިތުރަށް ތަހުލީލު ކުރުމަށް މިހާރު ފަރަންސޭސްވިލާތުގެ ޕެރިސްއަށް ފޮނުވާލާފައިވާ ކަމަށް އިތިއޯޕިއަން އެއަރލައިންސްއިން ވަނީ މައުލޫމާތު ދީފައެވެ.
އިތިއޯޕިއާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑާއި އެކު ފްލައިޓު ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުންދާ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖެންސީއިން ބުނެފައިވަނީ އެ ގައުމުގެ ވެއްޓުނު އިތިއޯޕިިއަން އެއަރލައިންސްގެ ފްލައިޓްއާއި ކުރިން ވެއްޓުނު ހަމަ އެ މަރުކާގެ ލަޔަން އެއަރ ފްލައިޓްގެ ފްލައިޓް ޕާތްގައި އެއްގޮތް ކަންކަން އެބަހުރި ކަމަށެވެ.
#FAA statement on the temporary grounding of @Boeing 737 MAX aircraft operated by U.S. airlines or in a U.S. territory. pic.twitter.com/tCxSakbnbH
— The FAA (@FAANews) March 13, 2019
ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ މި މަރުކާގެ ފްލައިޓް ދަރުތުކުރުން މަނާކޮށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް މަނާކޮށްފައެވެ. މި މަރުކާގެ ފްލައިޓްތައް ގްރައުންޑް ކުރުމުގައި ލަސް ވުމުން އެމެރިކާއަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. ބޮއިންގއިން ވަނީ ފްލައިޓުތަކުގެ ރައްކާތެރިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ގްރައުންޑް ކުރަން ނިންމީ އެ ކުންފުނިން މީހުންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް އިސްކުރާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިކަން ތަކުރާރު ވިޔަ ނުދިނުމަށް އެ ކުންފުނިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އަރުވާފައެވެ.
މި ހާދިސާ ހިނގި ފަހުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފްލައިޓް އުފައްދާ ކުންފުނި ކަމުގައިވާ ބޮއިންގގެ މާކެޓް ވެލިއުގެ 26 ބިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ. މިހާރު އެ ކުންފުނީގެ ޝެއަރއެއްގެ އަގު ހުރީ 377 ޑޮލަރުގައެވެ.