ގަވައިދާއި ގާނޫނުގައި ރާއްޖޭގައި ހެދުން އެޅުމުގެ މިންގަނޑު ސާފު ކަމަށާއި ރާއްޖޭގެ މުޖުތަމައާ ނުގުޅޭ ކަންތައްތައް ފަތުރުވެރިން ކުރާ ނަމަ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާއްޖޭގެ ސަގާފަތާއި އިސްލާމީ ރިވެތި އުސޫލު އެއްވާން ނުޖެހޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ދިމާވާކަމުގައި ވާނަމަ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް އެނގޭ މީހުން ދިރިއުޅޭ ރަށްރަށުގައި ކުޑަކުދިންނާއި އަޅުގަނޑުމެންގެ ސަގާފަތާއި އިސްލާމީ ރިވެތި އުސޫލުތައް މިކްސްވާކަށް ނުޖެހޭކަން. އެގޮތަށް މިހާރު ވެސް ގާނޫނުތައް ހެދިފައި ހުރީ. މިއުޅެނީ ގާނޫނާއި ގަވައިދުގެ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ ބައެއް މީހުންގެ މައްސަލައެއް. އަޅުގަނޑު އެދެން މިފަދަ އެއްވެސް ޝަކުވާއެއް އޮތްކަމަށްވާނަމަ ކުރަން. ކުރިއަށްއޮތްތާނގައި ފިޔަވަޅު އަޅަން ވަނީ ނިންމާފައި," އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ގެސްޓުންނަށް މޫދު ބޭނުންކުރުމުގައި ގެސްޓުހައުސްތަކުން ރަނގަޅަށް ކިޔައި ނުދޭ ކަން ފާހަނގަ ވެފައިވާ ކަމަށެވެ. މި މަހުގެ 13 ގެ ނިޔަލަށް ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ރެޖިސްޓަރ ވާން ހުޅުވާލި ކަމަށާއި ނަމަވެސް އަދިވެސް ރެޖިސްޓަރ ނުވެ ބައެއް ތަންތަން އެބަހުރި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށާއި ރެޖިސްޓަރ ނުވެ ހިންގާ ގެސްޓް ހައުސް އިން ދިމާވާ ކަންތައްތަކުން އެ މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށް ވިދާޅުވިއެވެ. ރެޖިސްޓާރ ނުކޮށް ރާއްޖޭގެ އެއްވެސް ފެސިލިޓީއެއް ހިންގުމަކީ މަނާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރެޖިސްޓަރ ނުކުރާ ތަނެއްގައި ފަތުރުވެރިޔަކު ބަހައްޓައިގެން ހިތާމަވެރި ހާދިސާއެއް ހިނގައިފި ނަމަ އަޅުގަނޑުމެން ޒިންމާއެއް ނުނަގާނަން.އަދި ރެޖިސްޓަރ ނުކޮށް ހިންގާ ކަމަށްވާނަމަ އަޅުގަނޑުމެންނަށް އެކަން ހުށައަޅާ އެކަން ބަލާ ފުލުހަށް ފޮނުވައިފިކަމަށްވާނަމަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.