އިންތިހާބު ކާމިޔާބު ކުރީ އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ބުރަ މަސައްކަތުން ކަމަށާއި އެއްވެސް ޕާޓީއަކަށް ވެސް އެއްވެސް ބޭފުޅަކަށް ވެސް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ވ. ކެޔޮދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް އައިއިރު ރާއްޖޭގެ ހާލަތު ހުރީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި ވަރަށް ދަތި އުނދަގޫތަކާ އެކު ވެސް އެއްމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރެއްވީ ވައުދުތައް ފުއްދުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މާލީ ހާލަތު ގޯސް. އަމަންއަމާންކަން ގޯސް. ބިރުވެރިކަމެއްގެ ތެރޭގައި ރާއްޖެ އޮތީ. މިނިވަންކަމެއް ރައްޔިތުންގެ ނެތް. އެހެންނަމަވެސް އެ ހުރި ދަތިތަކާ އެކުގައިވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ނުކޮށްދީ ހުުރުމަކީ ވެރިކަމަށް އަންނަ މީހަކަށް ކުރެވޭނެ ކަމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި
ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ގުޅުން ގޯސްވެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖުމްހޫރީ ޕާޓީން ވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ބައެއް މެމްބަރުންނަށް ތާއީދު ކުރައްވަން ނިންމާފައެވެ. ނަމަވެސް މިއީ ލިޔެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރާ ކަމެއް ނޫން ކަމަށާއި ކޯލިޝަން އަދިވެސް އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް މިހެން ވިދާޅުވި ކަމުގައިވީ ނަމަވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސަރުކާރުގެ ވަޒީރުން ވަނީ ސަރުކާރު ދިފާއުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވެސް ހިމެނިވަޑައިގަންނަވައެވެ.