ރައީސް އިބުރާހިމް މުހައްމަދު ސާލިހު ބުރާސްފަތި ދުވހުގެ ހެނދުނު ވ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެމްޑީޕީން ވ. އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންފައިވަނީ ވ. ކެޔޮދޫއަށެވެ. ކެޔޮދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ގާސިމްގެ ކެމްޕެއިން ލޯންޗްކޮށްދެއްވުމަށް ވަނީ ހަމޖެހިފައެވެ. މީގެ އިތުރުން މި އަތޮޅުގެ ރައްތަކުގެ ކައުންސިލަރުންނާއި، ގެސްޓްހައުސް ކޮމިޓީ އާއި، ކެޔޮދޫގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ރައީސް ސާލިހު ބައްދަލުކުރައްވާނެއެވެ.
ރާއްޖޭގެ އެންމެ ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅު ކެޔޮދޫ ދާއިރާގައި ހިމެނެނީ، ކެޔޮދޫގެ އިތުރުން ރަކީދޫއެވެ.
ކެޔޮދޫއަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ މިއަތޮޅު ފެލިދޫއަށެވެ. މެންދުރު ފަހު 2.15 ގައި އެމަނިކުފާނު ފެލިދޫއަށް ވަޑައިގެން އެ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މަބްރޫކްގެ ކެމްޕެއިން ލޯންޗްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކެނޑިޑޭޓަށް ތާއީދު ހޯއްދެއްވުމަށް ކެންޑިޑޭޓް މަބުރޫކާއި އެކު އެމަނިކުފާނު ދޮރުން ދޮރަށް ހިންގަވާނެއެވެ.
މީގެ އިތުރުން ފެލިދޫގެ ސަރުކާރު މުއައްސަސާތަކުގެ ބޭފުޅުންނާއި، ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކޮށްލައްވާނެއެވެ.
ފެލިދޫ ދާއިރާގައި ހިމެނެނީ، ފެލިދޫ، ފުލިދޫ އަދި ތިނަދޫއެވެ. ރައީސް ސާލިހާ އެކު މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވައެެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ވ. އަތޮޅުން ފުރާވަޑައިގަންނަވާނީ ހަވީރު 5.20 ގައެވެ.